އަތޮޅު ހޮސްޕިޓަލުތަކަށް ބޭނުންވާ ލޯންޗުތައް މިމަހުގެ ނިޔަލަށް ފޮނުވައި ނިމޭނެކަމަށް ހެލްތު މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެެވެ.

ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ނާޒިމް ވިދާޅުވީ އަތޮޅުތަކުގައި ސިއްހީ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރާ އެންމެ މުހިންމު ސިޔާސަތަކީ އަތޮޅު ހޮސްޕިޓަލްތަކުން ސިއްޙީ މަރުކަޒުތަކަށް ޚިދުމަތްތައް ފޯރުކޮށްދިނުންކަމަށެވެ. ރީޖަނަލް ހޮސްޕިޓަލާއި އަތޮޅު ހޮސްޕިޓަލުގައި ތިއްބަވާ ޚާއްސަ ޑޮކްޓަރުން އަތޮޅުގެ އެކި ރަށްތަކަށް ޒިޔާރަތްކުރުމަށް މީގެ ސަބަބުން ފަސޭހަތަކެއް ލިބިގެންދާނެކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ މިކަން ހަރުދަނާކޮށް ގެންދިޔުމަށްޓަކައި ކޮންމެ އަތޮޅު ހޮސްޕިޓަލެއްގައި އަދި ރީޖަނަލް ހޮސްޕިޓަލެއްގައިވެސް ދަތުރު ކުރެވޭނެ ނިޒާމެއް ޤާއިމްވެފައި އޮތުމަކީ މުހިންމުކަމެއްކަމަށެވެ. އެގޮތުން ހެލްތު މިނިސްޓްރީން ކުރަމުންދާ މަސައްކަތުގެ ދަށުން މިހާރު ލޯންޗު ލިބިފައި ނެތް އަތޮޅުތަކަށް ލޯންޗު ފޯރުކޮށްދިނުމުގެ މަސައްކަތުގެ ދަށުން ލޯންޗު ލިބިފައިނެތް 7 އަތޮޅެއްގެ ލޯންޗު ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ. އެހެންކަމުން މިމަހުގެ ނިޔަލަށް ލޯންޗު ނެތް ހުރިހާ އަތޮޅަކަށް ލޯންޗު ފޮނުވައި މަސައްކަތް ނިމެނޭކަށް ނާޒިމް ވިދާޅުވިއެވެ.

ހެލްތު މިނިސްޓްރީން ބުނީ މި މަސައްކަތަކީ ދިވެހިރާއްޖޭގެ ޞިއްހީ ދާއިރާގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، އަތޮޅު ހޮސްޕިޓަލްތަކުން ދެވޭ ތަފާތު ޚިދުމަތްތަކުގެ މަންފާ އެންމެ އެކަށީގެންވާ ގޮތެއްގައި އަތޮޅުގެ ރައްޔިތުންނަށް ލިބިދެވޭނެ އިންތިޒާމްތައް ހަމަޖެއްސުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އަތޮޅު ހޮސްޕިޓަލްތަކުގައި ބޭނުންކުރުމަށް 7 ލޯންޗެއް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކާއި އެ ވުޒާރާއި ގުޅިގެން ކުރިޔަށްގެންދާ، އޭޝިއާ ޕެސިފިކް ވެކްސިން އެކްސެސް ފެސިލިޓީ ޕްރޮޖެކްޓްގެ ކުރިއަށްދާކަމެއްކަމަށެވެ.

މި ލޯންޗްތަކަކީ އަތޮޅު ހޮސްޕިޓަލްތަކުގެ އައުޓްރީޗް ޕްރޮގްރާމްތަކުގެ ތެރެއިން ދެވޭ ޚިދުމަތްތައް އެހެނިހެން ރަށްރަށް ފޯރުކޮށްދިނުމުގެ މަގުފަހިކޮށްދިނުމަށާއި، ވެކްސިން ރަށްތަކަށް ފަސޭހައިން ފޯރުކޮށްދެވޭނެ އިންތިޒާމް ހަމަޖެއްސުމަށާއި އަދި ލެބޯޓްރީ ސާމްޕަލް ލެބޯޓްރީ ނެތް ރަށްރަށުން އެޚިދުމަތް ލިބޭ ރަށްރަށް ގެންދިއުމަށް ބޭނުންކުރެވޭނެ އުޅަނދު ތަކެކެވެ. މީގެ އިތުރުން މި އުޅަނދުތައް ތައްޔާރުކުރެވިފައިވަނީ އެމަރޖެންސީ ޙާލަތްތަކުގައި ބަލިމީހުން އުފުލަންޖެހިއްޖެ ޙާލަތެއްގައި އެކަމަށް ބޭނުންކުރެވޭނެފަދަ ގޮތަކަށްކަމަށް ވެސް ހެލްތް މިނިސްޓްރީން ބުނެފައިވެއެވެ.