މާލެ، ރަސްފަންނުގެ މޫދުން ތޫނު އިތާތަކެއް ފެނިއްޖެއެވެ.
މާލޭގެ ހުޅަނގު ފަރާތުގައި އޮންނަ ރަސްފަންނު މޫދަށް އެރޭ ސަރަހައްދުގެ ވެލިގަނޑު ތެރޭގައި ތޫނު އިތާތަކެއް ހުރި ކަމަށް މިއަދު ސޯޝަލް މީޑިއާގައި ވަނީ ފެތުރިފައެވެ.
އެގޮތުން ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ ކުރީގެ ޕްރިންސިޕަލް އަލީ މުސްތަފާ ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރަސްފަންނު މޫދުގައި ގިނަ އަދަދަކަށް ތޫނު އިތާ އެބަހުރި ކަމަށާއި، އެތަނަށް މޫދަށް އެރޭ މީހުން އެކަމަށް ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި މިއީ ކޮޅު ވަރަށް ތޫނުކޮށް ހުންނަ "ފޭން ކްލޭމް" އެވެ.
މި ބާވަތުގެ އިތާ އާންމުކޮށް ހުންނަނީ މޫދުގެ ވެލިގަނޑުގެ ތެރެއަށް ވަދެފައި ކަމަށާއި، ބޭރަށް ފެންނަން ހުންނަނީ އޭގެ ވަރަށް ކުޑަ މިންވަރެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އިތާތައް ހުރި ސަރަހައްދު ފާހަގަކޮށްފައިވާ މެޕެއް ހިއްސާ ކުރައްވަމުން މުސްތަފާ ވިދާޅުވީ، މި އިތާގެ މަހަކީ ކެއުމަށް ބޭނުންކުރެވޭ އެއްޗެއްކަމަށާއި މޫދަށް އެރޭ މީހުން މި އިތާތައް ނަގަމުންދާ ނަމަ އެ ސަރަހައްދުން އިތާ މަދުވެ، މޫދަށް އެރޭ މީހުންނަށް އޮތް ނުރައްކާ ކުޑަކުރެވޭނެ ކަމަށެވެ.
ރަސްފަންނަކީ ކޮންމެ ދުވަހަކުވެސް އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިންގެ އިތުރުން އެކި އާއިލާތައް މޫދަށް އެރޭ ސަރަހައްދެވެ. އެހެންކަމުން މިކަމަށް ވަރަށް ބޮޑަށް ސަމާލުވުމަށް މުސްތަފާ ވިދާޅުވިއެވެ.