ލޯކަލް ކައުންސިލް އިންތިހާބުގެ އެމްޑީޕީގެ ޕްރައިމަރީގެ ވޯޓުލުން ފަށައގެން މިރޭ 8 ޖަހަންދެން ކުރިއަށް ދާ އިރު، ޕްރައިމަރީގައި ވީހާވެސް ގިނަ މީހުން ވޯޓުލުމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ފަލާހު ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ލޯކަލް ކައުންސިލް އަދި ޑަބްލިއުޑީސީގެ ޕްރައިމަރީގެ ވޯޓުލުން ފަށާފައި ވަނީ މިއަދު މެންދުރު ފަހު 2:30 ގައެވެ.

ވޯޓުލުން ރޭގަނޑު 08:00 އާ ހަމައަށް ކުރިއަށް ދާ އިރު، ލޯކަލް ކައުންސިލް އިންތިހާބުގެ އެމްޑީޕީގެ ޕްރައިމަރީ ކަންކަން ވިލަރެސްކުރާ ކޮމިޓީ ގެ މުގައްރިރު ފަލާހް ވިދާޅުވީ، އެމްޑީޕީން ޕްރައިމަރީތައް ބާއްވާތާ 20 އަހަރު ވެފައި ވާ ކަމަށާއި އުންމީދަކީ ޕްރައިމަރީ އިން ހޮވޭ ކެންޑިޑޭޓުން ރަނގަޅު ނަތީޖާ އެއް ހޯދުން ކަމަށެވެ. އަދި އެދިވަޑައިގަންނަވާ ގޮތަކީ ޕްރައިމަރީގައި ވީހާވެސް ގިނަ މީހުން ވޯޓުލުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެމްޑީޕީން ބާއްވާ ޕްރައިމަރީގައި ކައުންސިލް އިންތިހާބަށް 510 އަށް ވުރެ ގިނަ ކެންޑިޑޭޓުން ކުރިމަތިލާފައިވާ އިރު، ޑަބްލިއުޑީސީ އަށް 190 އަށް ވުރެ ގިނަ ކެންޑިޑޭޓުން ވަނީ ކުރިމަތިލާފައެވެ.

މި އިންތިހާބުގައި ޖުމްލަ 65 ވޯޓު ފޮށި ބަހައްޓާފައިވާ އިރު، މާލޭގައި އަތޮޅުތަކަށް ހާއްސަކޮށްގެން 14 ފޮއްޓެއް އަދި މާލެއިން ބޭރުގައި 34 ވޯޓު ފޮއްޓެއް ވަނީ ބަހައްޓާފައެވެ.