" ރޯދަ ބާޒާރު ފެސްޓިވަލް" މިމަހު 28ގައި ބާއްވަން ހަމަޖައްސާފައިވާކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނެފި އެވެ.

އެޗްޑީސި އިން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނީ މި އަހަރުގެ ރަމަޟާންމަހާއި ދިމާކޮށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ 'ރޯދަ ބާޒާރު ފެސްޓިވަލް' އިން ސްޓޯލް ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކަށް އަންނަ އާދިއްތަ ދުވަހުން ފެށިގެން އެ ފުރުޞަތު ހުޅުވާލާނެ ކަމަށެވެ.

މީގެ އިތުރުން މި އަހަރުގެ ރަމަޟާން މަހާއި ގުޅިގެން ހުޅުމާލެ ސެންޓްރަލް ޕާކް ސަރަޙައްދުގައި ރޯދަ ބާޒާރު ފެސްޓިވަލެއް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށް އެޗްޑީސީން ވިދާޅުވި އެވެ. އަދި މި ފެސްޓިވަލުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ސްޓޯލް ކުއްޔަށް ހިފުމަށް އަންނަ އާދިއްތަ ދުވަހުން ފެށިގެން އަންގާރަ ދުވަހުގެ ނިޔަލަށް ފުރުޞަތު ހުޅުވާލާނެ ކަމަށް އެޗްޑީސީ އިން ފާހަގަކޮށްފައިވެ އެވެ.

އެގޮތުން އެ ކޯޕަރޭޝަންގެ ވެބްސައިޓުގައި ޝާއިޢު ކުރާ ލިންކު މެދުވެރިކޮށް ފޯމު ހުށަހެޅޭނެ ކަމަށާއި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ފަސްޓު-ކަމް ފަސްޓު ސާވް އުސޫލުން ޝަރުތު ހަމަވާ ފަރާތްތަކަށް ސްޓޯލް ހިންގުމަށް ކުއްޔަށް ދޫކުރެވޭނެ ކަމަށް އެޗްޑީސީ އިން މައުލޫމާތުދެ އެވެ.

ރޯދަ ބާޒާރު ފެސްޓިވަލުގައި އެކި ކަންކަމަށް ޚާއްސަ ކޮށްގެން ޖުމްލަ 80 ސްޓޯލެއް ދޫކުރާ ގޮތަށް ވަނީ ހަމަޖެހިފައިކަމަށާއި މިއިން ކޮންމެ ސްޓޯލަކީވެސް 10 ފޫޓު 10 ފޫޓުގެ ސްޓޯލްތަކެއް ކަމަށް ބުނެ އެވެ.

ކުއްޔައް ދޫކުރުމަށް ހަމަޖެހިފައިވާ ސްޓޯލްތަކުގެ ތަފްސީލަށް ބަލާލާއިރު، މޭވާ، ތަރުކާރީ، ހިކި ކާނާ އަދި ކެއްކުމަށް ބޭނުން ކުރާ ތަކެތި ވިއްކުމަށް 20 ސްޓޯލް، ބަދިގޭގެ ސާމާނާއި ކައްކާ ސާމާނު ވިއްކުމަށް 24 ސްޓޯލް، ގޭތެރެ ޒީނަތްތެރި ކުރުމަށް ބޭނުންކުރާ ސާމާނު ވިއްކުމަށް 10 ސްޓޯލް، އަންނައުނު ވިއްކުމަށް 10 ސްޓޯލް، ހޯމް ކެއަރ އެންޑް ހާރޑްވެއަރ ވިއްކުމަށް 8 ސްޓޯލް، ގެ އިތުރުން ފާރުނީޗަރ އެންޑް އިލެކްޓްރިކަލް އެޕްލަޔަންސެސް ވިއްކުމަށް 6 ސްޓޯލް، އަދި ކާބޯ ތަކެތި ވިއްކުމަށް 10 ސްޓޯލް ކުއްޔަށް ދޭން ހަމަޖެހިފައިވާކަމަށް އެޗްޑީސީ އިން މައުލުމާތުދެ އެވެ.

މި ފެސްޓިވަލް 4 ދުވަހުގެ މުއްދަތަށް ކުރިއަށްދާއިރު ސްޓޯލުތަކަށް ކުލީގެ ގޮތުގައި ކަނޑައަޅާފައިވަނީ 5،000 ރުފިޔާއިން ފެށިގެން 8،500 ރުފިޔާއާއި ދެމެދުގެ އަގުތަކެއް ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.

އެޗްޑީސީން ބުނީ، ސްޓޯލް ކުއްޔަށް ހިފާ ފަރާތުން ނުވަތަ ސްޓޯލުގައި ތަކެތި ވިއްކަން ހުންނަ ފަރާތުން ސްޓޯލުގައި ކުރާ ކަމަކުން ނުވަތަ ނުކޮށް ދޫކޮށްލާ ކަމަކުން އާންމުންނަށް އުނދަގުލަކަށް ނުވަތަ ގޯނާއަކަށް ވެދާނެ ކަމެއް ކޮށްގެން ނުވާނެ ކަމަށެވެ.

މީގެ އިތުރުން ކުއްޔަށް ހިފާ ފަރާތުގެ އިޙުމާލަކުން ކުއްޔަށް ދޫކޮށްފައިވާ ސްޓޯލް ނުވަތަ ފެސްޓިވަލް ހިނގާ ސަރަޙައްދަކަށް ގެއްލުމެއް ވެއްޖެނަމަ އެކަމުގެ ފުރިހަމަ ޒިންމާ ކުއްޔަށް ހިފާ ފަރާތުން އުފުލަންވާނެ ކަމަށް އެޗްޑީސީ އިން ބުނެފައިވެއެވެ.

ސްޓޯލު ބޭރުގައި ޢާންމު ސަރަޙައްދުގައި މުދާ ބަހައްޓައިގެން ވިޔަފާރި ކުރުމަކީ މަނާކަމެއް ކަމަށާއި ސްޓޯލު ދީފައިވާ ފަރާތުން އެހެން ފަރާތަކަށް ކުއްޔައް ދިނުމަކީވެސް މަނާ ކަމެއް ކަމަށް އެޗްޑީސީން މައުލުމާތުދެ އެވެ.