ދިވެހިރާއްޖެ އިން ރަޝިއާއަށް ކަނޑައެޅުއްވި ނޮން-ރެސިޑެންޓް ސަފީރު ލެފްޓެނަންޓް ޖެނެރަލް (ރިޓަޔަރޑް) އަބްދުއްރަހީމް އަބްދުއްލަތީފް، ސަފީރުކަމުގެ ފަތްކޮޅު ރަޝިއާގެ ރައީސްއަށް އަރުވައިފިއެވެ.

ދިވެހިރާއްޖެއިން ރަޝިއާއަށް ކަނޑައެޅުއްވި ނޮން-ރެސިޑެންޓް ސަފީރު އަބްދުއްރަހީމް އަބްދުއްލަތީފް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރަޝިއާގެ ރައީސް، ވްލަޑިމިއަރ ޕުޓިންއަށް އެރުވީ އެކަމަށްޓަކައި މޮސްކޯގެ ގްރޭންޑް ކްރެމްލިން ޕެލެސްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި ސަފީރު ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ރަޝިއާގެ ރައީސަށް ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ.

ދިވެހިރާއްޖެއިން ރަޝިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެސިޑެންޓް ސަފީރުކަމަށް ލެފްޓެނަންޓް ޖެނެރަލް (ރިޓަޔަރޑް) އަބްދުއްރަހީމް އަބްދުއްލަތީފް އައްޔަން ކުރެއްވީ 11 މާރޗު 2025 ގައެވެ.

ސަފީރު އަބްދުއްރަހީމް އަބްދުއްލަތީފް މިހާރު ހުންނެވީ، ތުރުކީވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަގާމުގައެވެ.