ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، "މޯލްޑިވްސް ނޭޝަނަލް އެންޓި ޑޯޕިންގ އެޖެންސީ" އުފައްދަވައިފިއެވެ.
މޯލްޑިވްސް ނޭޝަނަލް އެންޓި ޑޯޕިންގ އެޖެންސީއަކީ، 19 މޭ 2025 ގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވި ގާނޫނު ދިވެހިރާއްޖޭގެ ކުޅިވަރު ގާނޫނަށް 1 ވަނަ އިސްލާހު ގެނައުމުގެ ބިލުގެ ދަށުން، ކުޅިވަރުގެ ދާއިރާގައި އެންމެންނަށް ހަމަހަމަކަން އޮންނާނެކަން ކަށަވަރު ކޮށްދޭނެ އެޖެންސީއެވެ.
ރައީސް އޮފީހުން ބުނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 116ވަނަ މާއްދާގެ (ހ)އިން، ރައީސަށް ލިބިވަޑައިގަންނަވާ އިހުތިޔާރުގެ ދަށުން، ދިވެހިރާއްޖޭގެ ކުޅިވަރު ގާނޫނުގެ 38ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ "މޯލްޑިވްސް ނޭޝަނަލް އެންޓި ޑޯޕިންގ އެޖެންސީ" އުފައްދަވައި، އެ އެޖެންސީއަކީ ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި، ރައީސް، ވަނީ ހަމަޖައްސަވައިފައިކަަމަށެވެ. މިކަން އިއުލާންކުރެއްވީ ރައީސް އޮފީހުން ނެރުއްވި ދެންނެވުމެއްގައެވެ.
ރައީސް އޮފީހުން ނެރުއްވި ދެންނެވުމުގައި، ބުނީ މޯލްޑިވްސް ނޭޝަނަލް އެންޓި ޑޯޕިންގ އެޖެންސީއަކީ އިދާރީ ގޮތުން ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާއާއި ގުޅިފައިވާ އެޖެންސީއެއް ނަމަވެސް، އެ އިދާރާ ހިނގަމުންދާނީ ގާނޫނު ނަންބަރު 30/2015 ގެ 38ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ފަދައިން، ކުޅިވަރުގެ މައިދާނުގައި ޑޯޕިންގ ކޮންޓްރޯލްކުރުމުގެ ސިޔާސަތުތައް ތަންފީޒުކުރުމަށްޓަކައި ކަނޑައެޅޭ މުސްތަގިއްލު ބޯޑެއްގެ ދަށުންކަމަށެވެ.
މޯލްޑިވްސް ނޭޝަނަލް އެންޓި ޑޯޕިންގ އެޖެންސީއަށް ދައުލަތުގެ އިދާރާތަކުން ލިއުއްވާ ސިޓީގައި ޖައްސަވާނެ ނަންބަރަކީ، 1138 ކަމުގައިވެސް ދެންނެވުމުގައި ވަނީ ބުނެފައެވެ.