ހުޅުމާލެ ފޭސް ދޭއްގެ އެމްޕީއެލް ޓަވަރުގެ އެޕާޓްމަންޓެއްގައި ދިވެހި ފިރިހެނަކު ރަހީނުކޮށް ބިރުދައްކައި ފައިސާ ހޯދަމުންދިޔަ ކަމުގެ ތުހުމަތުގައި ހަތަރު މީހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، ހުޅުމާލެ ފުލުހުން ރޭ ދަންވަރުގެ ވަގުތެއްގައި ހިންގި އޮޕަރޭޝަންގައި، ކޯޓު އަމުރެއްގެ ދަށުން އެ އެޕާޓްމަންޓް ބަލައިފާސްކޮށް، ރަހީނުކޮށްފައިހުރި މީހާ ސަލާމަތްކޮށްފައިވާކަމަށެވެ. އަދި އެ މީހާ ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރަށް ދެއްކުމަށްފަހު ހޮސްޕިޓަލުން ދޫކޮށްލުމުން ވަނީ އާއިލާއާ ހަވާލުކޮށްފައިކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ސ. ހިތަދޫ / ބިލާލުގެ، ޝުނީނު އަންވަރު (24އ) އާއި ސ. ހިތަދޫ / ބްލޫކޯނަރ، ޙުސައިން ނާހީ ޖަމާލު (23އ) އާއި ގދ. ތިނަދޫ / ކުލުނު، އަލީ ސަރީޚު އަންވަރު (23އ) އާއި ސ. މީދޫ / ހުވަދުމާވިލާ، އަޙްމަދު ލުޖައިން (24އ) އެވެ.
ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހަތަރު މީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށެވެ. މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.