އިރާނަށް ހަމަލާދިނުމުގެ ވިސްނުމެއް ނުގެންގުޅޭކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިރާނަށް އަންގައިފިކަމަށް އިރާނުން ޕާކިސްތާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރިޒާ އަމިރި ވިދާޅުވެފައިވާކަމަށް ޕާކިސްތާނުގެ މީޑިޔާއިން ރިޕޯޓްކޮށްފިއެވެ.

އިރާނުގެ ސަފީރާ އާ ހަވާލާދީ ޕާކިސްތާނުގެ މީޑިޔާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޓްރަމްޕް ވަނީ ހަނގުރާމަ ފަށަން ބޭނުންނުވާކަމަށް ބުނެފައެވެ. އަދި އިރާނުންވެސް މެދުއިރުމަތީގައި ހުރި އެމެރިކާގެ ބޭސް ތަކަށް ހަމަލާނުދިނުމަށް އަންގާފައިވާކަމަށް ރިޕޯޓްކޮށްފައިވެއެވެ.

ސަފީރު ވިދާޅުވީ މުޒާހަރާ ކުރުމުގެ ހައްގު އީރާނުގެ ރައްޔިތުންނަށް ލިބިގެންވާ ކަމަށާއި މުޒާހަރާގެ ބައިވެރިންނާ އެކު ސަރުކާރުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ. އަދި ހަތިޔާރު އެޅި ޖަމާއަތްތަކުން އީރާނުގައި މީހުން މެރުމާއި، މިސްކިތްތަކަށް ހަމަލާ ދީފައިވާ ކަމަށް ވެސް ސަފީރު ވިދާޅުވިއެވެ.

ވައިޓްހައުސްގައި ނޫސްވެރިންނަށް މައުލޫމާތު ދެމުން ޓްރަމްޕް ބުނީ އީރާނުގައި މީހުން މެރުން ހުއްޓާލާފައިވާކަން އޭނާއަށް މައުލޫމާތު ލިބިފައިވާ ކަމަށާއި އެ މައުލޫމާތު ލިބިފައިވަނީ އިތުބާރު ކުރެވޭ ފަރާތަކުން ކަމަށެވެ. އެހެން ކަމުން އެގައުމަށް ހަމަލާއެއް ދިނުމުގެ ވިސްނުމެއް ނެތް ކަމަށް ޓްރަމްޕް ބުނެފައިވެއެވެ.

ޓްރަމްޕްގެ ބަސް މަގު ރެއިން ފެށިގެން ބަދަލުވަމުން އައިއިރު އޭގެކުރިން ޓްރަމްޕް ދިޔައީ ތަކުރާރުކޮށް އިރާނަށް ހަމަލާދޭނެކަމުގެ އިންޒާރުދެމުންނެވެ.