ހަމާސް އާއި އިސްރާއީލާ ދެމެދު ވެވުނު ސުލްހައިގެ އެއްބަސްވުމުގެ ދެ ވަނަ ފޭސްގައިވާ ޣައްޒާ ހިންގާ ކޮމިޓީއަށް އެންމެންގެ ރުހުން ލިބުމާއެކު އެއްބަސްވުމުގެ ދެވަނަ ފޭސް ފަށައިފިއެވެ.
ހަމާސް އާއި ޣައްޒާގައި ހަރަކާތްތެރިވާ އެހެން ޖަމާއަތްތަކުގެ މަންދޫބުން މިސްރުގައި ވަނީ ބައްދަލުކޮށްފައެވެ. އަދި މި ބައްދަލުވުމުގައި އެންމެންވެސް ވަނީ ޣައްޒާ ހިންގުން ކުރިޔަށް އޮތްތަނުގައި 15 މެމްބަރުންގެ ކޮމިޓީއަކުން ކުރިޔަށްގެންދާ ގޮތަށް އެއްބަސްވެފައެވެ. މި ކޮމިޓީން މަސައްކަތްކުރާނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޗެއަރ ކުރާ ޕީސް ބޯޑުގެ ދަށުންނެވެ.
15 މެމްބަރުންގެ ކޮމިޓީއާ ގުޅޭގޮތުން ހަމާސްގެ ސީނިއަރ ލީޑަރެއްކަމުގައިވާ ބައްސާމް ނައިމް ވިދާޅުވީ ކޮމިޓީ އެކުލަވާލާފައިވަނީ ރަނގަޅު މިސްރާބަކާ ދިމާލަށްކަމަށެވެ. އަދި މިއީ މިވަގުތު ޣައްޒާއަށް ކުރިމަތިވެފައިވާ ހާލަތަށް ބަލާއިރު އަދި އަލުން އަނބުރާ ޤަތުލުއާންމަށް ދިޔަ ނުދިނުމަށްޓަކައި މުހިންމު ކަމެއްގެ ގޮތުގައި ބައްސާމް ސިފަކުރެއްވިއެވެ.
ނަމަވެސް ދެ ވަނަ ފޭސްގައި ހަމާސް ގެ އަތުގައި ހުރި ހަތިޔާރު ނައްތާލަންޖެހޭއިރު ޣައްޒާ އަލުން އާރާސްތުކުރުމާއެކު ޣައްޒާ ހިންގުން އޮތްއިރު އެކަންކަން އެގޮތަށް ވާނެތޯ އެއީ ސުވާލު އުފެދޭކަމެކެވެ. އެކަންކަން ހާސިލުކުރުމަށް އިސްރާއީލުން ކޮންޓްރޯލްކުރަމުން އަންނަ ރަފަހް ބޯޑަރ ހުޅުވާލަންޖެހޭއިރު އެކަން އިސްރާއީލުން ކުރާނެތޯ އެއީ ސުވާލެއްކަމަށާއި އެކަމަށްޓަކައި މަސައްކަތްކުރަންޖެހޭކަމަށް ހަމާސް އިން ވަނީ ބުނެފައެވެ.
އިސްރާއީލުން މިހާރުވެސް ޣައްޒާގެ 50 އިންސައްތައަށްވުރެ ބޮޑު ބަޔެއް ކޮންޓްރޯލްކުރަމުން އަންނައިރު ދެވަނަ ފޭސް އާއެކު އިސްރާއީލުން އެއަށްވުރެ ފަހަތަށް ފައިބަންޖެހެއެވެ. ނަމަވެސް އިސްރާއޅުގެ ޕަބްލިކް ބްރޯޑްކާސްޓިންގ ކޯޕަރޭޝަނުން ރިޕޯޓްކޮށްފައިވާ ގޮތުގައި މިހާރު ޣައްޒާގައި އިސްރާއީލުން ކޮންޓްރޯލްކުރަމުން އަންނަ ސަރަހައްދު ހަމަ އެގޮތުގައި އިސްރާއީލުގެ ދަށުގައި އޮންނާނެއެވެ.
އެއްބަސްވުން އެކުލަވާލުމުގައި މެދުވެރިއެއްގެ ދައުރު އަދާކުރި ގައުމުތައް ކަމަށްވާ ޤަތަރު، ތުރުކީ އަދި ޤަތަރުން ނެރެފައިވާ ގުޅިފައިވާ ބަޔާނުގައި ވަނީ ޣައްޒާގެ ހަމަޖެހުމާއި މިހާރު ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް މިއީ އެޅިގެންދިޔަ މުހިންމު ފިޔަވަޅެކެވެ.
އަދި މިކޮމިޓީ އެކުލަވާލެވުމުން އެކަމަށް ވަނީ މަރުހަބާ ކިޔާފައެވެ. ކޮމިޓީ ގެ އިސްވެރިއަކީ ޕަލަސްތީނިއަން އޮތޯރިޓީގެ ކުރީގެ ޑެޕިޔުޓީ މިނިސްޓަރ އަލީ ޝާތުއެވެ.