"ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޯލޮޖީ" އުވާލައި، މޯލްޑިވްސް 2.0ގެ ކަންކަން ތަންފީޒުކުރުމަށް "މޯލްޑިވްސް ޑިޖިޓަލް ސާވިސް"ގެ ނަމުގައި އައު އިދާރާއެއް މިއަދު އުފައްދައިފިއެވެ.
ރައީސް އޮފީހުން މިއަދު ބުނީ އެ އިދާރާއަކީ ހޯމް މިނިސްޓްރީގެ ދަށުން ހިންގާ ތަނެއްގެ ގޮތުގައި ހަމަޖައްސާފައިވާ ކަމަށެވެ.
ރައީސް އޮފީހުން ބުނީ "މޯލްޑިވްސް ޑިޖިޓަލް ސާވިސް"ގެ ނަމުގައި އިދާރާއެއް މިއަދު އުފައްދަވައި، "ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޯލޮޖީ" މިއަދުން ފެށިގެން އުވައިލައްވާފައި ވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިހުތިޔާރުގެ ދަށުންް ކަމަށެވެ.
މޯލްޑިވްސް ޑިޖިޓަލް ސާވިސް އުފެއްދުމުގެ އެންމެ ބޮޑު ބޭނުމަކީ "މޯލްޑިވްސް 2.0 ރޯޑްމެޕް 2025-2028 - ޖާނީ ޓު ޑިޖިޓަލް ޓްރާންސްފޮމޭޝަން" މަގުޗާޓުގައިވާ ކަންކަން ތަންފީޒުކުރުމުގެ ޒިންމާ ހަވާލުކުރާ އެންމެ އިސް އިދާރާއަކަށް އެ އިދާރާއަށް ހެދުން ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.
މޯލްޑިވްސް ޑިޖިޓަލް ސާވިސް އުފެއްދުމާ ގުޅިގެން، މޯލްޑިވްސް 2.0 ގެ މަގުޗާޓުގައިވާ ކަންކަން ތަންފީޒުކުރުމުގެ ޒިންމާ އަދާކުރާ އެންމެ އިސް އިދާރާގެ ހައިސިއްޔަތުން ކުރަންޖެހޭ މަސައްކަތްތަކުގެ އިތުރުން، ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޯލޮޖީއިން މިހާތަނަށް ކުރަމުން ގެންދިޔަ މަސައްކަތްތައް ކުރަން ޖެހޭނީ ވެސް މޯލްޑިވްސް ޑިޖިޓަލް ސާވިސްއިން ކަމަށް އެ އޮފީހުން ބުނެފައިވެއެވެ.
މޯލްޑިވްސް ޑިޖިޓަލް ސާވިސްއަށް ދައުލަތުގެ އިދާރާތަކުން ލިޔާ ސިޓީގައި ޖަހާނެ ނަންބަރަކީ 1137 ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ކަނޑައަޅައިފައެވެ.