ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އަންނަ ހޮނިހިރު ދުވަހު ހުޅުވާލާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަނުގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވީ ކައުންސިލް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހަމަވާނީ އަންނަ މަހުގެ އެއް ވަނަ ދުވަހު ކަމަށެވެ.
ކައުންސިލް އިންތިހާބަށް ކުރިމަތިލުމަށް އެދި ހުށަހެޅޭނީ ކެންޑިޑޭޓުންގެ ޑިޖިޓަލް ޕޯޓަލް މެދުވެރިކޮށެވެ. އެ ޕޯޓަލް އަށް ވަދެވޭނީ އީފާސް މެދުވެރިކޮށެވެ. އެ ޕޯޓަލް މެދުވެރިކޮށް ފޯމު ފުރުމުގެ ފުރުސަތު މީގެކުރިން ކޮމިޝަނުން ވަނީ ހުޅުވާލާފަ އެވެ.
އިންތިހާބަށް ކުރިމަތިލަނީ ސިޔާސީ ޕާޓީއަކުން ކަމަށް އިހްތިޔާރުކޮށްފިނަމަ، އެ ޕާޓީއަކުން އެ ކެންޑިޑޭޓަކު އެންޑޯޒްކުރުމަށް ރިކުއެސްޓެއް ދާނެ ކަމަށާއި ސިޔާސީ ޕާޓީތަކުން އެފަދަ ރިކުއެސްޓުތަކާ މެދު ގޮތެއް ނިންމަނީ ސިމެދަ ޕޯޓަލުން ކަމަށް ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
އަމިއްލަ ގޮތުން އިންތިހާބަށް ކުރިމަތިލާ ކެންޑިޑޭޓުން މަދުވެގެން 50 މީހުންގެ ތާއީދު ހޯދަން ޖެހެ އެވެ. އެކަމާ ބެހޭ އިތުރު ތަފްސީލް 1414 އަށް ގުޅުމުން ލިބޭނެ އެވެ.
މިހާރު އާންމުކޮށްފައިވާ ވޯޓާސް ލިސްޓްގައިވާގޮތުން ކައުންސިލް އިންތިހާބުގައި ޖުމުލަ 294،937 މީހުންނަށް ވޯޓުލެވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 150،410 ފިރިހެނުންނާއި 144،527 އަންހެނުންނެވެ. ނަމަވެސް ޝަކުވާއަށް ފަހު އެ އަދަދަށް ކޮންމެވެސް ވަރެއްގެ ބަދަލެއް އަންނާނެ އެވެ.