ކޮންމެ އަހަރެއްގެވެސް ދިވެހިރާއްޖޭގެ ޅެންވެރީންގެ ދުވަހުގެ ގޮތުގައި 15 ޖަނަވަރީ ފާހަގަކުރާއިރު، އެ ދުވަހަށް ޚާއްޞަ ޝިޢާރެއް ކަނޑައަޅައިފިއެވެ.

މި އަހަރަށް ކަނޑައެޅި ޝިޢާރަކީ "މަރުދޭށޭވީ ޤައުމާ ވަތަނާ ދީނަށް" ށެވެ.

މި ޝިޢާރު އިފްތިތާހުކޮށްދެއްވީ ޅެންވެރީންގެ ދުވަހުގެ މުނާސަބަތުގައި މިއަދު ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ އާއި ވުޒާރާގެ ދަށުން ހިންގާ މުއައްސަސާތަކުގެ މެދުގައި ބޭއްވި ޚާއްޞަ ހަފްލާއެއްގަ އެވެ.

މި ޝިޢާރު އިފްތިތާޙުކޮށްދެއްވީ ވަޒީރު އާދަމް ނަޞީރު އިބްރާހީމެވެ.

ކޮންމެ އަހަރަކުވެސް ރާއްޖޭގައި ޅެންވެރީންގެ ދުވަސް ފާހަގަކުރަމުން އަންނަނީ ޖަނަވަރީ މަހުގެ 15 ވަނަ ދުވަހުގައެވެ. މި ދުވަހަކީ އަލްއުސްތާޛު އަލްމަރުހޫމް އިބްރާހީމް ޝިހާބުގެ ނަންފުޅުގައި ފާހަގަކުރާ ދުވަހެކެވެ. ޅެންވެރިކަމުގެ ދުނިޔޭގައި އެމަނިކުފާނު މާޝްހޫރުވެ ވަޑައިގެންފައިވަނީ ޝާއިރުއް ޝަބާބުގެ ލަގަބުންނެވެ.

އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް މި އަހަރުގެ ޅެންވެރީންގެ ދުވަސް ވެސް ކުލަގަދަކޮށް ފާހަގަކުރުމަށް ވަނީ ގިނަ ހަރަކާތްތަކެއް އިންތިޒާމުކޮށްފައެވެ. ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރޭގައި ޚަބަރުގެ ވަސީލަތްތައް މެދުވެރިކޮށް ކުރިއަށް ގެންދެވޭ ޕްރޮގްރާމުތަކާއި އެ ދުވަހުގެ ރަސްމީ ޖަލްސާ ހިމެނެއެވެ. ޅެންވެރީންގެ ދުވަހު ބާއްވާ ރަސްމީ ޖަލްސާއާ ގުޅިގެން 3 ދުވަސް މުއްދަތަކަށް ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.