އައްޑޫސިޓީ ހިތަދޫގައި "ސްކޫޕު" ގެ ނަމުގައި ހަރަކާތްތެރިވާ ގްރޫޕަކީ ކުށްކުރާ ގްރޫޕެއްކަމަށް ކަނޑައަޅާދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ހައިކޯޓަށް ހުށަހަޅައިފިއެވެ.
ޕީޖީ އޮފީހުން ބުނީ، ދިވެހި ފުލުހުންގެ ހިދުމަތުން ހުށަހެޅި ހުށަހެޅުމާއި، ހެކިތައް މި އޮފީހުން ދިރާސާކޮށް ބެލިއިރު "ސްކޫޕު" ގްރޫޕަކީ ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުން "އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕް" އެއްގައި ހުންނަންޖެހޭ ޝަރުތުތައް ފުރިހަމަވާ، އަދި މިހާރުވެސް ކުށްކުރުމުގައި ހަރަކާތްތެރިވާ ގްރޫޕެއްކަމަށް އެ އޮފީހަށް ފެންނަ ކަމަށެވެ.
އެހެންކަމުން މި ހުށަހެޅުމުގައި އެ ގްރޫޕަށް ނިސްބަތްވާ ކަމަށް ފާހަގަވެފައިވާ 9 މީހަކީ އެ ގްރޫޕްގެ މެންބަރުން ކަމަށް ކަނޑައަޅާދިނުމަށް އެދިފައި ވެއެވެ. ހަމަ އެހެންމެ އެއީ އެ ގްރޫޕަށް ނިސްބަތްވާ ކަމަށް ބެލެވޭ "އެސް ކޭ ޕީ ސްޕޯޓްސް ކްލަބް" އުވާލުމަށް ކޮމިޝަނާ އޮފް ސްޕޯޓްސްގެ މައްޗަށް އަމުރުކޮށްދެއްވުމަށާއި، އައްޑޫ ސިޓީގެ އެކި ތަންތަނުގައި އެ ގްރޫޕްގެ ނަން ލިޔެފައިވާ ފާރުތަކުން އެ ނަންތައް ފޮހެލުމަށް އައްޑޫ ސިޓީ ކައުންސިލްގެ މައްޗަށް އަމުރުކޮށްދެއްވުމަށް ވެސް ވަނީ އެދިފައެވެ.
ޕީޖީން ބުނި ގޮތުގައި މިއީ މި ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު ދިވެހި ފުލުހުންގެ ހިދުމަތުން އެ އޮފީހަށް ހުށަހެޅި މިފަދަ ދެވަނަ ހުށަހެޅުމެވެ.
ކުރީގެ ހުށަހެޅުން މި އޮފީހުން ދިރާސާކޮށް ބެލިއިރު، ގޭންގެއްކަމަށް ކަނޑައެޅުމަށްޓަކައި ގާނޫނުގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަވާކަމަށް ސާބިތުކުރުމަށް ބޭނުންވާވަރަށް ތަހުގީގު ފުރިހަމަވެފައި ނުވާތީ އެ މައްސަލައިގެ ތަހުގީގު އިތުރަށް ފުރިހަމަކުރުމަށްޓަކައި އެ ހުށަހެޅުމަށް އަނބުރާ ވަނީ ފޮނުވާފައެވެ. އެހެންކަމުން، މިއީ ގޭންގު ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުން ކޯޓަށް ހުށަހެޅުނު ފުރަތަމަ މައްސަލަ ކަމަށް އެ އޮފީހުން ފާހަގަކުރެއެވެ.
ގާނޫނުގައި "އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕް" މާނަކޮށްފައިވަނީ ތިން މީހުން ނުވަތަ އެއަށްވުރެ ގިނަ މީހުން ގުޅިގެން، ޖިނާއީ ބޮޑެތި ކުށްތައް ކޮށްގެން މާލީ ނުވަތަ މާއްދީ މަންފާ ހޯދުމަށް މަސައްކަތްކުރާ ގްރޫޕްތަކަށެވެ. މިކަމާ ގުޅިގެން ކޯޓުން ގޮތެއް ކަނޑައެޅުމުން، އެ ގްރޫޕާއި މެންބަރުންނާ މެދު އަޅަންޖެހޭ އިތުރު ފިޔަވަޅުތައް ފުލުހުންނާ ގުޅިގެން އަޅަމުންދާނެ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.
ރާއްޖޭގައި އިންތިޒާމުވެގެން ކުށްކުރާ ގްރޫޕްތައް ހުއްޓުވައި ފިޔަވަޅު އެޅުމަށް ދިވެހި ފުލުހުންގެ ހިދުމަތާއި ދައުލަތުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން މިގެންދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން ކުރިއަށް އޮތް ތަނުގައިވެސް ޤާނޫނުގައި ބަޔާންކުރާ ޝަރުތުތައް ފުރިހަމަވާ ކުށްކުރާ ގްރޫޕްތަކާމެދު ޤާނޫނުގައި ބަޔާންކޮށްފައިވާ އިޖުރާއަތްތައް ފުރިހަމަކުރުމަށްފަހު ފިޔަވަޅު އަޅަމުން ދާނެ ކަމަށް ވެސް ޕީޖީން ބުނެއެވެ.