މިދިޔަ އަހަރުގެ އޮކްޓޯބަރ މަހު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ހިންގި ޑޮލަރު ފޭރުނު މައްސަލައިގެ ތުހުމަތުގައި އިތުރު މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.
މިމައްސަލައާ ގުޅޭގޮތުން ފުލުހުން ބުނީ 2025 އޮކްޓޯބަރު 27 ވަނަ ދުވަހު ފަތިހު އެއާޕޯޓުގައި ހިންގި ފޭރުމުގެ މައްސަލައިގެ ތުހުމަތުގައި 2026 ޖެނުއަރީ 13 ވަނަ ދުވަހު، މީޒާން / ރ.މަޑުއްވަރި، އިސްމާޢީލް ސިރްޙާން (30އ) ވަނީ ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ހައްޔަރުކޮށްފައިވާކަމަށެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 30 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައި ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ މި މައްސަލައިގެ ތުހުމަތުގައި ޖުމުލަ 8 މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ. މި އެންމެންވެސް ތިބީ ބަންދުގައިކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައިގެ ތަހުގީގު ފުރިހަމަކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާކަމަށް ފުލުހުން ބުނެއެވެ.
އެއާޕޯޓުން ޑޮލަރު ފޭރުނު މައްސަލާގައި އެންމެ ފުރަތަމަ ފުލުހުން ބުނީ ޓާމިނަލް 1 އަށް ވަންނަން ދިޔަ ބޭންކެއްގެ 2 މުވައްޒަފެއްގެ އަތުން ފައިސާ ހުރި ސުއިޓްކޭސް އެއް ފޭރިގަނެފައިވާ މައްސަލަ 27 އޮކްޓޯބަރ ވަނަ ދުވަހުގެ ފަތިހު ރިޕޯޓްކޮށްފައިވާކަމަށެވެ. ހަމަ އެދުވަހު ހޯމް މިނިސްޓަރ ވިދާޅުވީ ޑޮލަރު ފޭރުމުގައި ހަރަކާތްތެރިވި 4 މީހުންނާއި އެމީހުން ބޭނުންކުރި ލޯންޗު އަތުލައިގަނެވިފައިވާ ކަމަށެވެ.
އައު ޓާމިނަލު ތެރެއިން ބީއެމްއެލް މުވައްޒަފުންނަށް ބިރު ދައްކައިގެން ފޭރުނު ފައިސާގެ އަދަދު 130،000 ޑޮލަރަށް އަރައެވެ. މިހާތަނަށް އައިއިރު މިއިން އެއްވެސް ޑޮލަރެއް އަދި ފުލުހުންނަށް ހޯދިފައެއްނުވެއެވެ.