ޝަރުޢީ ދާއިރާގެ މަސައްކަތްތައް ހަރުދަނާކުރުމުގެ މަސައްކަތުގެ ތެރެއިން ސިވިލް ކޯޓުގައި އިންޓަގްރޭޓެޑް ކޭސް މެނޭޖްމަންޓް ސިސްޓަމް ބޭނުންކުރަން ފަށައިފިއެވެ.

ސިވިލް ކޯޓުގައި އިންޓަގްރޭޓެޑް ކޭސް މެނޭޖްމަންޓް ސިސްޓަމް ބޭނުންކުރަން ފަށުން އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެ ކޯޓުގެ އިސްގާޟީ އަލްއުސްތާޛާ މަރިޔަމް ވަހީދު ވިދާޅުވީ، ސިވިލް ކޯޓަކީ އެންމެ ގިނަ މައްސަލަ ބަލަމުންދާ އެއް ކޯޓު ކަމަށެވެ. މަރިޔަމް ވިދާޅުވީ، ޒަމާނީ ސިސްޓަމެއް ނެތުމުގެ ސަބަބުން އިދާރީގޮތުން ހުރި ހުރިހާ މައްސަލަތަކެއް މީގެ ކުރިން ބަލަހައްޓަމުން އައީ މެނުއަލްކޮށް ކަމަށެވެ.

ކުރިއަށް އޮތް ތަނުގައި ކޯޓަށް ހުށަހެޅޭ މައްސަލަތައް އިތުރުވަމުންދާނެތީ، އެފަދަ މައްސަލަތައް މެނުއަލްކޮށް ބެލެހެއްޓުމަކީ ކުރިމަތިވާނެ ވަރަށް ބޮޑު ގޮންޖެހުމެއް ކަން ފާހަގަކުރައްވާ އިންޓަގްރޭޓެޑް ސިސްޓަމެއް ތައާރަފުކުރުމަކީ މަސައްކަތްތައް އަވަސްކުރުމަށާއި ހަރުދަނާކުރުމަށް ލިބުނު މުހިންމު ކުރިއެރުމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ސިވިލް ކޯޓަކީ އިންޓަގްރޭޓެޑް ކޭސް މެނޭޖްމަންޓް ސިސްޓަމް ބޭނުންކުރަން ފެށި ދެވަނަ ކޯޓެވެ. މި ސިސްޓަމް އެންމެ ފުރަތަމަ ބޭނުންކުރަން ފަށާފައިވަނީ ކްރިމިނަލް ކޯޓުގައެވެ. އެއީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ.

މި ރަސްމިއްޔާތުގައި ކްރިމިނަލް ކޯޓުގެ އިސްގާޟީ އަލްއުސްތާޛު އާދަމް މުޙައްމަދު ވިދާޅުވީ، ކްރިމިނަލް ކޯޓުގައި މި ސިސްޓަމް ބޭނުންކުރަމުންދާތާ 5 މަސްވެފައިވާއިރު، މިފަދަ ސިސްޓަމެއް ގާއިމްކުރުމުގެ މުހިންމުކަމާއި، މީގެ ސަބަބުން ކޯޓުގެ އޮޕަރޭޝަންތަކަށް ގިނަ ފަސޭހަތަކެއް ލިބިފައިވާކަމަށެވެ.

މި އައު ސިސްޓަމާއެކު އަޑުއެހުންތަކަށް ބޭނުންވާ ކަންކަމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ. ސިވިލް ކޯޓުން ހާމަކުރި ގޮތުގައި، އިންޓަގްރޭޓެޑް ކޭސް މެނޭޖްމަންޓް ސިސްޓަމްގެ ސަބަބުން ކޯޓުން ފޯރުކޮށްދޭ ޚިދުމަތްތަކާއި މަސައްކަތްތައް މިހާރަށްވުރެ ބޮޑަށް ހަލުވިވެ، ފަސޭހަވެގެންދާނެއެވެ.