ޑިސެމްބަރ މަހުގެ ފަހު ހަފްތާއިން ފެށިގެން އިރާނުގައި ކުރިޔަށްދާ މުޒާހަރާތައް ބޮޑުވެ ހަމަނުޖެހުންތައް، ލޭއޮހޮރުވުމަކަށް ގޮސްފައިވާއިރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންދަނީ ތަކުރާރުކޮށް އިރާނަށް ހަމަލާދޭނެކަމުގެ އިންޒާރުދެމުންނެވެ. އެއިންޒާރުތައް މެދުކެނޑުމެއް އައިސްފައިނުވާއިރު ބުދަ ދުވަހު މިވަނީ މަޝްރަހު އިތުރަށް ގޯސްވާން ފަށާފައެވެ. މެދުއިރުމަތީގައި ހުރި އެމެރިކާގެ އެންމެ ބޮޑު އަސްކަރީ ބޭސް ކަމުގައިވާ ޤަތަރުގައި ހުންނަ އަލް އުދެއިދް އެއަރ ބޭސް އިން ބައެއް މީހުން ދިޔުމަށް ވަނީ އިރުޝާދުދީފައެވެ. ޤަތަރުން ބުނާގޮތުގައި އެގޮތަށް ކަންތައް ކުރީ ކުރިމަތިވެދާނެ ހަމަލާތަކަކުން ދިފާއުވުމަށެވެ.

އެތައް އަހަރެއް ވަންދެން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއެކު އިރާނުގެ އިގްތިޞާދު މިހާރު އޮތީ ވަރަށް ބޮޑަށް ހީނަރުވެފައެވެ. އެކަމުގެ ރުޅީގައި ފެށި މުޒާހަރާތައް ބޮޑުވެ އިރާނުގެ ސަރުކާރަށް މިވަނީ އިތުރު ގޮންޖެހުންތަކާ ކުރިމަތިވެފައެވެ. މިއީ 1979 ވަނަ އަހަރު އައި އިންގިލާބީ ސަރުކާރަށް މިހާތަނަށް އައިއިރު ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމޭވެސް ބުނެވިދާނެއެވެ.

އަންގާރަ ދުވަހު ޓްރަމްޕް ވަނީ ޓްރުތު ސޯޝަލް މީޑިޔާގައި މުޒާހަރާ ކުރާ މީހުންނަށް މުޚާތަބުކޮށް "އެހީ އައުމުގެ މަގުމަތީގައިވާކަމަށް" ބުނެފައެވެ. އެއީ ކޮންކަހަލަ އެހީއެއްކަން ސާފުކޮށް ނުބުންޏަސް އެބުނަނީ އެމެރިކާއިން އިރާނަށް އަސްކަރީ ގޮތުން ހަމަލާދިނުންކަމަށް ގިނަބަޔކު ދެކެއެވެ. ނަމަވެސް ސުވާލަކީ އެމެރިކާއިން އިރާނަށް ހަމަލާދޭނަމަ ހަމަލާދެވޭނެ ގޮތްތަކީ ކޮބައިތޯ؟ އަދި އެމެރިކާއަށް އެންމެ ފަސޭހައިން މަގްސަދު ހާސިލުކުރެވޭނެ ގޮތަކީ ކޮބައިތޯ؟

ޓްރަމްޕް ބުނަނީ ކީކޭ؟

ޓްރަމްޕް އަންނަނީ ތަކުރާރުކޮށް މުޒާހަރާއަށް ހިތްވަރުދެމުންނެވެ. އެގޮތުގައި ދެމިތިބުމަށް އެދި ބުނަމުންނެވެ. އަނެއްކޮޅުން މުޒާހަރާއާ ދެކޮޅަށް ބާރުގެ ބޭނުންކޮށް މީހުން މަރާނަމަ އިރާނަށް ހަމަލާދޭނެކަމުގެ އިންޒާރު ތަކުރާރުކޮށް ދެމުންނެވެ. އެހެންކަމުން އިރާނުން ބުނަމުން އަންނަގޮތަށް ޓްރަމްޕް މަސައްކަތްކުރަނީ މުޒާހަރާ ހަލަބޮލިކޮށްގެން ލޭއޮހޮރުވުމަކަށް އިރާނު ވައްޓާލާ ހަމަލާދޭނެ ފުރުސަތު ހޯދަން ކަމަށް ބުނާބުނުމަށް ބާރު ލިބެއެވެ. އަންގާރަ ދުވަހު ޓްރަމްޕް ޓްރުތުގައި ކުރި ޕޯސްޓެއްގައި ބުނީ އިރާނުގެ އޮފިޝަލުންނާއެކު ބޭއްވުމަށް ހަމަޖެހިފައިވާ ހުރިހާ މީޓިންތަކެއް ކެންސަލުކޮށްފައިވާކަމަށެވެ. މުޒާހަރާކުރާ މީހުން މެރުން ހުއްޓާލުމުން ނޫނީ އިރާނުގެ އޮފިޝަލުންނާއެކު ބައްދަލުވުންތައް ނުބާއްވާނެކަމަށް ވަނީ ބުނެފައެވެ. އެހީ އަންނަނީ ކަމަށް ބުނިނަމަވެސް އެއީ ކޮންކަހަލަ އެހީއެއްކަމެއް އެޕޯސްޓުގައި ނުބުނެއެވެ. އޭގެ ކުރިން ޖެނުއަރީ މަހުގެ 2 ވަނަ ދުވަހު ކުރި ޕޯސްޓުގައި ބުނެފައިވަނީ އިރާނުގައި މުޒާހަރާ ކުރާ މީހުން ސަލާމަތްކޮށްދިނުމަށް އެމެރިކާއިން އިރާނަށް ދިޔުމަށް އޮތީ ތައްޔާރަށްކަމަށެވެ.

އެމެރިކާ ސަރުކާރުން ބުނަނީ ކީކޭ؟

މިހާތަނަށް އައިއިރު އެމެރިކާ ސަރުކާރުގެ އޮފިޝަލުންގެވެސް ބަސްމަގު ހުރީ އިރާނަށް ހަމަލާދިނުމަށެވެ. އެގޮތުން ހޯމަ ދުވަހު ވައިޓް ހައުސްގެ ޕްރެސް ސެކެޓްރީ ބުނެފައިވަނީ ޓްރަމްޕް ފުރަތަމަ މަސައްކަތްކުރާނީ ޑިޕްލޮމޮސީގެ ގޮތުން މައްސަލަ ހައްލުކުރަން ކަމަށެވެ. އެގޮތަށް އެކަން ނުވެއްޖެނަމަ ބާރުގެ ބޭނުންކުރާނެކަމަށް ބުނެފައިވެއެވެ.

އެގޮތުން ވައިގެ މަގުން ހަމަލާދިނުމަކީ އެމެރިކާއިން ކުރާނެކަމެއްކަމަށް ވަނީ ބުނެފައެވެ. މިދިޔަ އަހަރުހެ ޖޫން މަހު އިރާނާއި އިސްރާއީލާ ދެމެދު ކުރިޔަށްދިޔަ 12 ދުވަހުގެ ހަނގުރާމައިގައި އެމެރިކާއިން ވަނީ އިރާނުގެ ނިޔުކުލިއަރ ތިން ސައިޓަކަށް އަމާޒުކޮށް ވައިގެ މަގުން ހަމަލާދީފައެވެ.

އެއިރާ މިހާރުގެ ތަފާތަކީ ހާލަތު ބަދަލުވެފައިވުމެވެ. އެހަމަލާއަށްފަހު މެދުއިރުމަތީގައި އެމެރިކާގެ އަސްކަރީ ފަރާތްތަކުން ތިބޭ މިންވަރު ވަނީ މަދުވެފައެވެ.

ދުނިޔޭގައި އޮންނަ އެންމެ ބޮޑު ހަނގުރާމަމަތީ މަނަވަރު ކަމުގައިވާ ޔޫއެސްއެސް ޖެރަލްޑް ފޯރޑް މިހާރު އޮތީ އެމެރިކާއިން މިދިޔަ އަހަރުގެ ނޮވެމްބަރ މަހުން ފެށިގެން ލެޓިން އެމެރިކާގެ ގައުމުތަކާ ދެކޮޅަށް ކުރިޔަށްގެންދަން ފަށާފައިވާ އޮޕަރޭޝަނާ ގުޅިގެން ކެރެބިއަން ސަރަހައްދުގައެވެ. ކެރެބިއަންގައި އޮތް މަނަވަރު މެޑިޓަރޭނިއަން ސަރަހައްދަށް އަންނަން 10 ދުވަސް ނަގާނެކަމަށް ވަނީ އަންދާޒާކުރެވިފައެވެ. އެއީ މިދިޔަ އަހަރުގެ އޮކްޓޯބަރ މަހު އެ މަނަވަރު ދަތުރުކުރި ގޮތުގެ މައްޗަށް ބިނާކޮށް ހަދާފައިވާ އެނަލިސިސްއަކުން ދައްކާގޮތެވެ. އެވެސް ގަޑިއަކު 37 ކިލޯމީޓަރަށް ދަތުރުކުރާނަމައެވެ.

އެހެންކަމުން އަންދާޒާކުރެވޭ ގޮތުގައި އެމަނަވަރަށް މެޑިޓެރޭނިއަން ކަނޑައަށް އަންނަން އަދި ހަފްތާއެއް ހޭދަވާނެއެވެ. ނަމަވެސް އިރާނުގައި ހުރި މިސައިލްތައް ދަތުރުކުރާ ސްޕީޑާއި ދާ ދުރުމިނަށް ބަލާއިރު އެ މަނަވަރު އިރާނާ އެހާ ކައިރިއަށް އަންނާނެކަމަށް ނުބެލެވޭ ކަމަށް މާހިރުން ދެކެއެވެ.

އަނެއްކޮޅުން އެސަރަހައްދުގައި ކުރިން ހަރަކާތްތެރިވަމުން އައި ހަނގުރާމަމަތީ އެހެން ބޯޓުތައްވެސް މިހާރު ވަނީ ކެރަބިއަން ކަނޑަށް ގެންގޮސްފައެވެ. އެހެންކަމުން މިވަގުތަށް ބަލާއިރު މިދިޔަ އަހަރުގެ ޖޫން މަހު ކުރިޔަށްދިޔަ ހަނގުރާމައިގައި އެމެރިކާގެ އަސްކަރީ ބާރުތައް މެދުއިރުމަތީގައި އޮތް މިންވަރަށް މިހާރު ނެތޭ ބުނެވޭނެ ޖާގަ އެބައޮތެވެ.

މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ ބޭސްތައް:

މުޅި މެދުއިރުމަތީގައި އެމެރިކާގެ 19 އަސްކަރީ ބޭސް އެއް އެބައޮތެވެ. އެއީ މިދިޔަ އަހަރުގެ ޖޫން މަހުވެސް ހުރި މިންވަރެވެ. މިތަންތަނުން މީހުން މަދުކުރަން އަންގާފައިމިވަނީ މިިދިޔަ އަހަރުގެ 12 ދުވަހުގެ ހަނގުރާމައިގައި އެމެރިކާއިން އިރާނަށް ދިން ހަމަލާގެ ބަދަލު ހިފުމުގެ ގޮތުން އިރާނުން ހަމަލާދިން ޤަތަރުގެ އަސްކަރީ ބޭސް އިންނެވެ. އިރާނުން ވަނީ އެމެރިކާއިން އިރާނަށް ހަމަލާދީފިނަމަ އެތަންތަނަށް ހަމަލާދޭނެކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާއިން އިރާނުގެ ލީޑަރޝިޕަށް އަމާޒުކޮށް ހަމަލާދީފާނެތަ؟

މާހިރުން ދެކޭގޮތުގައި ޓްރަމްޕް އަބަދުވެސް މިފަދަ އޮޕަރޭޝަންތައް ހިންގަނީ އަވަހަށް ނަތީޖާ ނެރެވޭ ގޮތަށް އަދި އެމެރިކާގެ އަސްކަރިއްޔާއަށް އެންމެ ގެއްލުން ކުޑަވާނެ ގޮތަށެވެ. މިޑްލް އީސްޓް އެންޑް ސެންޓްރަލް އޭޝިއަން ޕޮލިޓިކްސްގެ ޕްރޮފެސަރެއްކަމުގައިވާ ޝަހްރާމް އަކްބަރްޒާދު ވިދާޅުވާ ގޮތުގައި ދާދިފަހުން ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯ ވަގަށް ނެގި ގޮތާއި 2020 ވަނަ އަހަރު އިރާނުގެ ރެވޮލިޔުޝަނަރީ ގާރޑްސްގެ އިސްވެރިޔާ ޤައްސާމް ސުލައިމާނީ އިރާގުގައި ޑްރޯން ހަމަލާއެއް ދީގެން އަވަހާރަކޮށްލި ކޮށްލުމުން އެކަން އެނގިގެންދެއެވެ.

ޖޫން މަހުގެ ހަނގުރާމައިގެ ތެރޭގައި ޓްރަމްޕް ވަނީ ޓްރުތުގައި އިރާނުގެ އާޔަތުﷲ އަލީ ޚާމަނާއީ ހުންނެވި ތަން އެނގޭކަމަށް ވިދާޅުވެފައެވެ. އަދި އެއީ ވަރަށް ފަސޭހަ ޓާގެޓެއްގެ ގޮތުގައި ޓްރަމްޕް ވަނީ ސިފަކޮށްފައެވެ. އާޔަތުﷲ ހުންނެވި ތަން އެނގޭކަމަށް ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން އާޔަތުﷲ އަށް އަމާޒުކޮށް ހަމަލާދީ އަވަހާރަކޮށްލުމަކީ ޓްރަމްޕް ކުރަން ބޭނުންވާކަމެއްކަމަށާއި އެކަން ކުރެވޭނެކަން ޓްރަމްޕް ބުނެފައިވާއިރު މިފަހަރު އެކަން ކުރުމަކީ ވެދާނެކަމެއްކަމަށް ޕްރޮފެސަރ ވިދާޅުވިއެވެ. ނަމަވެސް އެއާ ގުޅިގެން ދެން ނިކުންނާނެ ނަތީޖާއަކީ ޓްރަމްޕް މިކަމާމެދު ވިސްނާނެ އަދި ތައްޔާރުވާނެ ކަމެއްކަމަށް ޕްރޮފެސަރ ވިދާޅުވިއެވެ.

މިހާލަތުގައި ޚާމަނާއީ އަވަހާރަކޮށްލައިފިނަމަ އެހިސާބުން ކޮންޓްރޯލް ނަގާނީ އައިއާރުޖީސީއެވެ. އެއީ އެމެރިކާއަށް އެހާ ފަސޭހަ ގޮތަކަށް ނުވާނެކަމަށް ޕްރޮފޮސެރަ ވިދާޅުވިއެވެ. ނަމަވެސް ޚާމަނާއީ އަށް ހަމަލާދިން ނަމަވެސް ރައްޔިތުންގެ ތާއީދު ސަރުކާރާ ދިމާލާ އެނބުރިދާނެކަމާމެދު ޕްރޮފޮސަރ ސުވާލު އުފެއްދެވިއެވެ. އެއީ ސަރުކާރުގެ މަގްބޫލުކަން ދަށްވެފައިވާތީއެވެ.

އައިއާރުޖީސީން ކޮންޓްރޯލް ނަގައިފިނަމަ އެހާހިސާބުން އިރާނު ދަނީ އަސްކަރީ ވެރިކަމަކާ ދިމާލަށެވެ. އެހިސާބުން އެމެރިކާއަށް މާބޮޑށް އުނދަގޫވާނެކަމަށް ވިދާޅުވިއެވެ. އެއީ އައިއާރުޖީސީން އެމެރިކާ އާ ދެކޮޅަށް ހަމަލާދޭނެތީއެވެ.

މާހިރުން ދެކޭގޮތުގައި ވެނެޒުއޭލާގައި ކުރިޔަށްގެންދިޔަފަދަ އޮޕަރޭޝަނެއް އިރާނުގައި އެމެރިކާއަށް ކާމިޔާބުކަމާއެކު ކުރިޔަަކަށް ނުގެންދެވޭނެއެވެ. އެއީ އިރާނުގެ އަސްކަރިއްޔާ މިހާރުވެސް އެލާޓްގައި އޮތުމާއި އެމެރިކާގެ ހެލިކޮޕްޓަރުތަކަށް މާދުރަށް ދަތުރުކުރަން ޖެހުމެވެ.

ވެނެޒުއޭލާގައި އެމެރިކާއިން ހިންގި އޮޕަރޭޝަނަށް ބަލާއިރު މާހިރުން ދެކޭގޮތުގައި އެމެރިކާގެ އަސްކަރިއްޔާއިން ގޮސް އިރާނުގެ ތެރެއަކަށް ނުވަންނާނެއެވެ. އަދި އިރާނުގެ ސަރުކާރު ބަދަލުކުރާކަށްވެސް ނޫޅެއެވެ. އެމެރިކާއިން ބޭނުންވަނީ އިރާނުގެ މިހާރުގެ ލީޑަރުން ނިޔުކުލިއަރ ހަކަތަ އާއި އިރާނުގައި ހުރި ހަތިޔާރާމެދު އެމެރިކާއިން ބޭނުންވާ ގޮތަށް ކަންކަން ނުކުރާތީ އެކަން ކުރާނެ ބަޔަކެވެ. އެކަންކުރުމަށް އިރާނުގައި ތިބި ވަކި ލީޑަރުންތަކަކަށް އަމާޒުކޮށް ހަމަލާދީގެން އެކަންކުރާނެ ބަޔަކު ލީޑަރޝިޕަށް ގެންނާނީއެވެ.

ޓްރަމްޕަކީ ގައުމެއްގައި އެމެރިކާގެ އަސްކަރިއްޔާ ބާއްވައިގެން އެގައުމު ބިނާކޮށް ޑިމޮކްރަސީ ގެނައުމަށް މަސައްކަތްކުރާނެ ލީޑަރެއް ނޫންކަމަށް މާހިރުން ދެކެއެވެ. ޓްރަމްޕްގެ ވެރިކަމުގައި އަފްޣާނިސްތާނުގައި ތިބި އެމެރިކާގެ އަސްކަރިއްޔާ ބޭލުމަށް ކޮށްފައިވާ މަސައްކަތުންނެވެ. އެހެންކަމުން އެމެރިކާގެ އަސްކަރިއްޔާ އިރާނުގައި ދެމި ތިބުމަކީ ނާދިރުކަމެކެވެ. ނަމަވެސް ޓްރަމްޕް ބޭނުންވާ ކަންކަން އިރާނު ލައްވާކުރުވުމަށް އަޅަން ޖެހުނު ފިޔަވަޅެއް ޓްރަމްޕް ނަގާނެކަމަށް މާހިރުން ދެކެއެވެ.