ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ 2026 ގެ ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއަށް މިހާތަނަށް 315 ޝަކުވާއެއް ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ބުނެފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއަށް ބުދަ ދުވަހުގެ ނިޔަލަށް ލިބުނު ޝަކުވާތަކުގެ އަދާހަމަ ހާމަކޮށްފަ އެވެ. އެގޮތުން ކޮމިޝަނުން ބުނީ 315 ޝަކުވާ ލިބިފައިވާ ކަމަށެވެ. މައިގަނޑު ޝަކުވާތަކަކީ އެޑްރެސް ބަދަލުވެފައިވުމާއި ނިޔާވެފައިވާތީ، ރަޖިސްޓަރީއިން ނަން އުނިކުރުމަށް ހުށަހަޅާފައިވާ ޝަކުވާކަމަށް އެ ކޮމިޝަނުން ބުނެފައިވެއެވެ.
ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީއަށް ޝަކުވާ ހުށަހެޅޭނީ، 2026 ޖަނަވަރީ 18 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 03:00 ގެ ނިޔަލަށެވެ. އަދި މި މުއްދަތުގައި ހުރިހާ ފަރާތްތައްވެސް، ކޮމިޝަނުން އާންމުކޮށްފައިވާ ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީ ޗެކްކޮށް، މި ރަޖިސްޓަރީގައިވާ މައުލޫމާތުތައް ކަށަވަރުކުރުމަށްފަހު އެއްވެސް ޝަކުވާއެއްވާނަމަ، ހުށަހަޅުއްވަން އީސީން ވަނީ އެދިފަ އެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ވޯޓަރސް ލިސްޓު އެ ކޮމިޝަނުގެ ވެބްސައިޓުންނާއި ސަރުކާރުގެ ގެޒެޓު އަދި މާލެ ފިޔަވައި މީހުން ދިރިއުޅޭ ކޮންމެ ރަށެއް ނުވަތަ ސިޓީއެއްގެ ކައުންސިލް އިދާރާގައި އާންމުކޮށް ފެންނަން ހުންނާނެ އެވެ. އަދި ވޯޓުލާން ރަޖިސްޓްރީވެފައިވާ ތަނެއް ނުވަތަ ފޮށި ބަލަން ބޭނުންވާ ފަރާތްތަކަށް (VR space IDNO Send to 1414) އެސްއެމްއެސް ކޮށްގެންވެސް ބަލާލެވޭނެ އެވެ.