އެމެރިކާ އާއި އިރާނާ ދެމެދު ޑިޕްލޮމެޓިކް ގުޅުން މިހާރު ކެނޑިފައިވާކަމަށް ރިޕޯޓްތައް ބުނެފިއެވެ.
އިރާނުގައި ކުރިޔަށްދާ މުޒާހަރާތަކާއެކު އެގައުމަށް ހަމަލާދޭނެކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެމުން ގެންދާއިރު މާހިރުން ބުނާގޮތުގައި އެމެރިކާއިން އިރާނަށް ވަރަށް އަވަހަށް ހަމަލާދޭނެއެވެ. އެކަމަށް ވާންޖެހޭ ތައްޔާރީތައް އެމެރިކާއިން ވަމުން އަންނަކަމަށް ރިޕޯޓްތައް ބުނެއެވެ.
ރޮއިޓަރސް އާ ވާހަކަދެއްކެވި އިރާނުގެ ސީނިއަރ އޮފިޝަލެއް ވިދާޅުވީ އިރާނުގެ ފޮރިން މިނިސްޓަރ އައްބާސް އަރަގާޗީ އެމެރިކާގެ ސްޕެޝަލް އެންވޯއީ ސްޓީވް ކޮފް އާ ދެމެދު މިހާރު ވާހަކަތައް ދެކެވެމުންނެއް ނުދެއެވެ.
ޓްރަމްޕް ވަނީ ހިނގަމުންމިދާ 24 ގަޑިއިރު ތެރޭގައި އަސްކަރީ ގޮތުން އިރާނަށް ހަމަލާދޭނެކަމުގެ އިންޒާރު އަނެއްކާވެސް ތަކުރާރުކޮށްފައެވެ. އެއާއެކު އިރާނުން ވަނީ މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ ބޭސްތަކަށް ހަމަލާދޭނެކަމަށް ބުނެފައެވެ.
އަނެއްކޮޅުން ޤަތަރުގައި ހުންނަ އެމެރިކާގެ އެންމެ ބޮޑު އަސްކަރީ ބޭސްގައި ތިބި އެމެރިކާ ސިފައިން އެތަނުން ދިޔުމަށް އަންގާފައިވާކަމަށް ރޮއިޓަސް އިން ވަނީ ރިޕޯޓްކޮށްފައެވެ.
ތަކުރާރުކޮށް ޓްރަމްޕް އިންޒާރުދެމުންދިޔަނަމަވެސް އިރާނުން އަންނަނީ މުޒާހަރާކުރާ މީހުންނަށް ހަރުކަށި އަދަބުދޭނެކަމަށް ބުނަމުންނެވެ. މިހާރުން މިހާރަށް އެމީހުންނަށް އަދަބުދޭންޖެހޭކަމަށް އިރާނުގެ އެންމެ އިސް ޖަޖު ވަނީ ވިދާޅުވެފައެވެ.