ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގައި ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުލުމަށް ރަޖިސްޓްރީވާން ހުޅުވާލައިފިއެވެ.
އެކަމާއި ގުޅޭގޮތުން އިލެކްޝަން ކޮމިޝަނު (އީސީ)ން ކުރި އިއުލާނުގައި ބުނީ އެޕްރީލް 04 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުގައި، އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހަކު، އެހެން މީހެއްގެ އެހީތެރިކަމާ ނުލައި ވޯޓު ކަރުދާހުގައި ފާހަގަ ޖަހަން ބޭނުންވާނަމަ އެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި، އިންތިޚާބުތަކާބެހޭ އާންމު ގަވާއިދުގައިވާ ގޮތުގެ މަތިން އެ ފަރާތްތައް ރަޖިސްޓަރީކުރުމުގެ ފުރުޞަތު ހުޅުވާލާކަމަށެވެ.
މި ގޮތުން، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުލުމަށް އެދޭ ފަރާތްތައް ޖަނަވަރީ 14 ވާ ބުދަ ދުވަހުން ފެށިގެންފެބުރުވަރީ 23 ވާ ހޯމަ ދުވަހުގެ ނިޔަލަށް، 1414 އަށް ގުޅައިގެން ރަޖިސްޓަރީކުރުމަށް ވަނީ އެދިފައެވެ. 1414 ގެ ޚިދުމަތްދޭ ވަގުތުތަކަކީ ރަސްމީ ދުވަސްތަކުގެ ހެނދުނު 9:00 އިން ރޭގަނޑު 10:00 އަށް، ހުކުރު ދުވަސް ފިޔަވައި ރަސްމީ ބަންދު ދުވަސްތަކުގައި ހެނދުނު 9:00 އިން ރޭގަނޑު 10:00 އަށް އަދި ހުކުރު ދުވަހުގެ މެންދުރުފަހު 3:00 އިން ރޭގަނޑު 8:00 އަށްކަމަށް އީސީން ބުނެއެވެ.
ލޯފަން މީހުން އެހެން މީހެއްގެ އެހީތެރިކަމާ ނުލައި ވޯޓު ކަރުދާހުގައި ފާހަގަޖަހަން ބޭނުންވާ ނަމަ އެކަމަށް ބޭނުންވާ ޓެމްޕްލޭޓެއް މެދުވެރިކޮށް އެ މަގު ފަހިކޮށްދޭންޖެހޭ ގޮތަށް އާންމު އިންތިހާބުތަކާ ބެހޭ ގާނޫނަށް ބަދަލު ގެނައީ ނިމިގެންދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައެވެ. އެގޮތުން އެންމެ ފުރަތަމަ ޓެމްޕްލޭޓް ބޭނުންކޮށްގެން އެފަދަ މީހުން ވޯޓުލާފައިވަނީ ނިމިގެންދިޔަ ރިޔާސީ އިންތިޚާބުގައެވެ. އޭގެފަހުން މަޖިލީސް އިންތިޚާބުގައިވެސް ވޯޓުލާފައިވެއެވެ.
ބެލޮޓް ޕޭޕާ ޓެމްޕްލޭޓަކީ ވޯޓު ކަރުދާހާ އެއްވަރަށް ހުންނަ، ވޯޓު ކަރުދާހުގައި ވަގުތީ ގޮތުން ހަރުކޮށްގެން ލޯފަން މީހުންނަށް ވޯޓު ލެވޭ ގޮތަށް ތައްޔާރުކޮށްފައި އޮންނަ އެއްޗެކެވެ. މި ޓެމްޕްލޭޓަކީ އެތެރެ ފެންނާނެހެން ޕްލާސްޓިކުން ތައްޔާރުކޮށްފައިވާ ޑިވައިސްއެކެވެ.