މާލެ ސިޓީ ކައުންސިލްގެ މި އަހަރުގެ ފުރަތަމަ ރައްޔިތުންގެ ބައްދަލުވުން އަންނަ މަހުގެ5 ވަނަ ދުވަހު ބާއްވަން ނިންމާފައިވާކަން އެކައުންސިލުން ހާމަކޮށްފިއެވެ.

ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނުގައި ބުނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 107 ވަނަ މާއްދާގައި ސިޓީ ކައުންސިލްތަކުން ކޮންމެ އަހަރަކު ބާއްވަން ލާޒިމުކުރާ ރައްޔިތުންގެ ބައްދަލުވުންތަކުގެ ތެރެއިން މިއަހަރުގެ ފުރަތަމަ ބައްދަލުވުން ފެބްރުވަރީ 05 ވާ ބުރާސްފަތި ދުވަހުގެ ރޭ 08:45 ގައި މާލެ ސިޓީހޯލް (ބޮޑުތަކުރުފާނު މަގު) ގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށެވެ.

އެހެންކަމުން މި ބައްދަލުވުމަށް މާލެ ސިޓީ ކައުންސިލުގެ ރައްޔިތުންނަށް ދައުވަތު އަރުވާކަމަށް ވަނީ ބުނެފައެވެ.

ލާމަރުކަޒީ ގާނޫނުގައިވާ ގޮތުގައި، ކައުންސިލްތަކުން ކޮންމެ އަހަރަކު ދެ ފަހަރު ރައްޔިތުންނާ އެކު ބައްދަލުވުންތައް ބާއްވަން ޖެހެއެވެ. މާލޭ ސިޓީ ކައުންސިލުން މިދިޔަ އަހަރު ވެސް ރައްޔިތުންނާ އެކު ދެ ބައްދަލުވުން ބާއްވާފައިވެ އެވެ.

މިހާރު ހިނގަމުންދާ ކައުންސިލުތަކުގެ ދައުރު އަންނަ އޭޕްރީލް މަހަށް ހަމަވާނެއެވެ.