ކުރިއަށް އޮތް ޕީކް ސީޒަނަށް ތައްޔާރުވުމަށް ވިލިމާލޭ އިންޖީނުގެއަށް 1200 ކިލޯވޮޓްގެ ޖަނަރޭޓަރެއް ގެނެސްފި އެވެ.
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން 'އެކްސް' ގައި ކުރި ޕޯސްޓެއްގައި ބުނީ ކުރިއަށް އޮތް ޕީކް ސީޒަނަށް ތައްޔާރުވުމަށް ވިލިމާލޭ އިންޖީނުގެއަށް 1200 ކިލޯވޮޓްގެ ޖަނަރޭޓަރެއް ގެނެސް ހިދުމަތް ފަށާފައިވާ ކަމަށެވެ. މިހާރު އެ ޖަނަރޭޓަރު ސެޓް ކޮމިޝަންކޮށް ބޭނުން ކުރެވެމުން ދާ ކަމަށްވެސް ސްޓެލްކޯއިން ބުނެފައިވެއެވެ.
މީގެއިތުރުން ސްޓެލްކޯއިން ބުނީ މި ޖަނަރޭޓަރާއެކު، ވިލިމާލޭގެ ޖަނަރޭޝަން ކެޕޭސިޓީ އިތުރުކުރެވި، އެ ރަށުގައި ދެމުންދާ ކަރަންޓުގެ ޚިދުމަތުގެ ޔަޤީންކަން އިތުރަށް ކަށަވަރުކުރެވިގެން ދާނެ ކަމަށެވެ. ކޮންމެ އަހަރެއްގެ ވެސް މާޗް، އޭޕްރީލް އަދި މެއި މަހު ރާއްޖެއަށް ހޫނު ގަދަވާތީ ކަރަންޓް ބޭނުންކުރާ މިންވަރު އިތުރުވެއެވެ.
ރޯދަމަހަކީ އާންމު ގޮތެއްގައި ވެސް މާލެ ސަރަހައްދުގައި ކަރަންޓު ބޭނުންކުރާ މިންވަރު އެތައް ގުނައެއް އިތުރުވާ މަހެކެވެ. ޚާއްސަކޮށް ހޫނު މޫސުމާއި، ރޯދަ މަސް އެއް ދުވަސްވަރަކާ ދިމާވާތީ ވެސް ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވެއެވެ.
އެގޮތުން މިދިޔަ އަހަރު ވެސް ރޯދަ މަހަށް މާލެ ސަރަހައްދުގައި އިތުރު 17 މެގަވޯޓުގެ ކަރަންޓު އުފެއްދޭ 12 ޖެންސެޓު ބަހައްޓާފައި ވެއެވެ. އަދި ހަމަ އެހެންމެ ޖެނެރޭޓަރުތަކާއެކު ޓްރާންސްފޯމަރު ބެހެއްޓުމާއި އެތަނަށް ބޭނުންވާ ފިއުލް ލައިން އެޅުމާއި ފިއުލް ޓޭންކް ބެހެއްޓުމުގެ މަސައްކަތް ވެސް ވަނީ ކޮށްފައެވެ.