ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) ގެ އޯޕަން ޑޭ ކުރިއަށް އެބަ ދެ އެވެ.

ބީސީސީއިން ކުދި ވިޔަފާރިތަކަށް ފޯރުކޮށްދޭ ޚިދުމަތްތަކާއި، ވިޔަފާރީގެ ދާއިރާއިން ކުދި ވިޔަފާރިތަކަށް ބީސީސީ މެދުވެރިކޮށް ލިބެންހުރި ފުރުސަތުތަކާ ބެހޭ މައުލޫމާތު އޯޕަން ޑޭ މެދުވެރިކޮށް ލިބިގެންދާނެ އެވެ. މިފަދަ ގޮތަކަށް ބީސީސީން އޯޕަންޑޭއެއް ބާއްވާ މިއީ ފުރަތަމަ ފަހަރެވެ.

އޯޕަން ޑޭގެ ހަރަކާތްތައް މާލޭގެ އިތުރުން ރާއްޖޭގެ 12 ސަރަޙައްދެއްގައި ގާއިމް ކުރެވިފައިވާ ބިޒްނަސް ސެންޓަރުތަކުގައި ކުރިއަށް ދާނެ އެވެ.

އެގޮތުން، ހއ. ދިއްދޫ، ހއ. އިހަވަންދޫ، ކުޅުދުއްފުށި ސިޓީ، ނ. މަނަދޫ، ޅ. ނައިފަރު، ދ. ކުޑަހުވަދޫ، ލ. ގަން، ތިނަދޫ ސިޓީ، ގއ. ވިލިނގިލި، ފުވައްމުލައް ސިޓީ، ސ.ހިތަދޫ، އަދި އއ.ތޮއްޑޫގައި ހުންނަ ބިޒްނަސް ސެންޓަރުތަކުން މި ހަރަކާތް ކުރިއަށް ގެންދާނެ

އެވެ. މާލޭގައި އޯޕަން ޑޭ ގެ ހަރަކާތްތައް ކުރިއަށްދާނީ ބީސީސީގެ މައި އޮފީސް ހުންނަ މ. ކަނީރުވިލާގެ ފުރަތަމަ ފަންގިފިލާގަ އެވެ. އަދި އަތޮޅުތެރޭގައި މިކަން ކުރިއަށްދާނީ ބިޒްނަސް ސެންޓަރުތަކުގަ އެވެ. އޯޕަން ޑޭ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 14 ޖެނުއަރީ 2026 ވާ ބުދަ ދުވަހުގެ ހެނދުނު 9:00 ން މެންދުރު 12:00 އަށް، އަދި މެންދުރު 1:00 ން ހަވީރު 3:00 އަށެވެ.

އޯޕަން ޑޭ ގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރިން އެޕޮއިންޓްމަންޓް ހެއްދުމަކާ ނުލައި ގޮސް މައުލޫމާތު ސާފު ކުރެވޭނެ އެވެ.

އެންމެ ކުދި، ކުދި، އަދި މެދުފަންތީގެ ވިޔަފާރިތަކަށް ރާއްޖެއާއި ރާއްޖެއިން ބޭރުންވެސް ބީސީސީ މެދުވެރިކޮށް ތަފާތު ގިނަ ފުރުސަތުތައް ފޯރުކޮށްދެ އެވެ. މީގެތެރޭގައި އުފެއްދުންތައް ވިއްކުމާއި، ވިޔަފާރީގެ ދާއިރާއިން ތަފާތު ތަމްރީން ޕްރޮގްރާމްތަކާއި، ވިޔަފާރި ފެށުމާއި ތަރައްޤީ ކުރުމަށް ބޭނުންވާ ލަފައާއި އިރުޝާދު ދިނުންފަދަ ކަންކަން ހިމެނެއެވެ. މިކަންކަމާބެހޭ މައުލޫމާތާއި، އިތުރަށް ބޭނުންވާ އެހީތެރިކަން ހޯދުމަށްވެސް މި އޯޕަންޑޭ އަކީ ރަނގަޅު ފުރުސަތެއް ކަމަށް ބީސީސީ އިން ބުނެ އެވެ.