މިއަހަރުގެ ޅެންވެރީންގެ ދުވަހުގެ ޖަލްސާ އައްޑު އަތޮޅުގެ ޅެންވެރިޔާ ހަސަން ލަބީބަށް ހާއްސަކުރުމަށް ނިންމައިފި އެވެ.
ކޮންމެ އަހަރަކުވެސް ރާއްޖޭގައި ޅެންވެރީންގެ ދުވަސް ފާހަގަކުރަމުން އަންނަނީ ޖެނުއަރީ މަހުގެ 15ވަނަ ދުވަހުގައެވެ. މި ދުވަހަކީ އަލްއުސްތާޛު އަލްމަރުހޫމް އިބްރާހީމް ޝިހާބުގެ ނަންފުޅުގައި ފާހަގަކުރާ ދުވަހެކެވެ. ޅެންވެރިކަމުގެ ދުނިޔޭގައި އޭނާ މަޝްހޫރުވެ ވަޑައިގެންފައިވަނީ ޝާއިރުއް ޝަބާބުގެ ލަގަބުންނެވެ.
މި އަހަރުގެ ޅެންވެރީންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ދިވެހި ބަހުގެ އެކެޑެމީން ގިނަ ހަރަކާތްތަކެއް ވަނީ އިންތިޒާމުކޮށްފަ އެވެ.
އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް މި އަހަރުގެ ޅެންވެރީންގެ ދުވަސް ވެސް ކުލަގަދަކޮށް ފާހަގަކުރުމަށް ޚާއްޞަ ހަރަކާތްތަކެއް ކުރިޔަށް ދާނެކަމަށް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. މި ގޮތުން ޚަބަރު ފަތުރާ ވަސީލަތްތައް މެދުވެރިކޮށް ކުރިއަށް ގެންދެވޭ ޕްރޮގްރާމުތަކާއި އެ ދުވަހުގެ ރަސްމީ ޖަލްސާ ހިމެނެއެވެ.
ޅެންވެރީންގެ ދުވަހު ބާއްވާ ރަސްމީ ޖަލްސާއާއި، އޭގެ އިތުރަށް 3 ދުވަހުގެ މުއްދަތަށް ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ނިންމާފައެވެ.