އދ. ފެންފުށީ ކްލާސްރޫމު އިމާރާތުގެ މަސައްކަތް ދިރާސީ އަހަރުގެ ކިޔެވުން ފެށެންވާއިރަށް ނިމޭނެ ކަމަށް ރޯޑު ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީން) ބުނެފިއެވެ.

އާރްޑީސީން ބުނީ މި އިމާރާތުގެ ކޮންކްރީޓް މަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށެވެ.

ދެ ފަންގިފިލާއަށް ތަރައްގީ ކުރާ މި ސްކޫލު އިމާރާތަކީ ހަތަރު ކްލާސްރޫމުގެ އިމާރާތެކެވެ.

ފެންފުށީ ސްކޫލު އިމާރާތުގެ މަސައްކަތް އެންމެ ފުރަތަމަ ހަވާލުކޮށްފަވަނީ، 2021 ވަނަ އަހަރު އަމިއްލަ ކުންފުންޏަކަށް ކަމަށާއި، އެ މަސައްކަތް އޭރު ޙަވާލުކޮށްފަވަނީ، 5 މަސް ދުވަހުން ނިންމާ ގޮތަށް 4.6 މިލިޔަން ރުފިޔާއަށް ކަން ފާހަގަކޮށްލެވެއެވެ.

ނަމަވެސް ފަހުން އެ މަސައްކަތް ލަސްވެ، މިދިޔަ އަހަރާ ޖެހެންދެންވެސް މަސައްކަތް އޮތީ ނުނިމިއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 6 ވަނަ ދުވަހު ފެންފުއްޓަށް ކުރެއްވި ދަތުރުފުޅުގައި ރަށުގެ ރައްޔިތުން ވަނީ، އެ މަސައްކަތް އަވަސް ކޮށްދިނުމަށް އެދިފައެވެ. އަދި 1200 އަށްވުރެ ބޮޑު އާބާދީއެއް އޮންނަ ފެންފުށީ ސްކޫލުގެ ޖާގައިގެ މައްސަލަ ވަނީ ވަރަށް ބޮޑަށް ކުރިމަތިވެފައިވާކަން ފާހަކުރައްވާ ރައްޔިތުން އެދިފައިވާ ގޮތަށް، ފެންފުށީ ސްކޫލުގެ ކްލާސްރޫމް އިމާރާތުގެ މަސައްކަތް ދިރާސީ އަހަރުގެ ކުރިން ނިންމަންދޭނެ ކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފަ އެވެ.

ހަމަ މިއާއެކު މަސައްކަތް ހުއްޓި ގިނަ ދުވަސްތަކެއްވެފައި އޮތުމަށްފަހު، އެކަން އަވަސް ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީއިން ރޯޑު ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާރްޑީސީއާއި ޙަވާލު ކުރީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގައެވެ. އަދި އަމަލީގޮތުން އެ މަސައްކަތް ފެށީ، ޖުލައި މަހުގައި ކަން ފަހަގަކުރެވެއެވެ.

މީގެ އިތުރުން މިހާރު ވަނީ އިމާރާތުގެ ކޮންކްރީޓް ހުރިހާ މަސައްކަތެއް ނިމި އިންޓީރިއަރ އަދި އެކްސްޓީރިއަރގެ މަސައްކަތްތައްވެސް ފަށާފައެވެ. އެގޮތުން އާރްޑީސީން ބުނީ، މި މަސައްކަތް މިއަހަރުގެ ދިރާސީ އާ އަހަރަށް ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.