ވާދޫ ގްރީން ފާމްގެ 5،000 އަކަފޫޓުގެ ސަރަޙައްދެއްގައި ހައިޑްރޯޕޯނިކްސްގެ 12 ނިޒާމު ގާއިމުކޮށްފި ކަމަށް ދަނޑުވެރިކަމާއި ދިރޭ ތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.

ވާދޫ ގްރީން ފާމް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މާރިޔާ ވިދާޅުވީ5،000 އަކަފޫޓުގެ ސަރަޙައްދެއްގައި ހައިޑްރޯޕޯނިކްސްގެ 12 ނިޒާމު ގާއިމުކޮށްފައިވާއިރު، ކޮންމެ ނިޒާމަކަށް 2،000 ލީޓަރުގެ ފެން ރައްކާކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ.

މީގެ އިތުރުން މުޅި އަހަރު ދުވަހު މެދުނުކެނޑި ފެން ފޯރުކޮށްދިނުމަށްޓަކައި، 5،000 ލީޓަރުގެ އިތުރުން، ފެން ރައްކާކުރާ އިތުރު ތިން ނިޒާމެއް ވެސް ގާއިމްކޮށްފައިވާކަން މާރިޔާ ފާހަގަކުރެއްވިއެވެ. މާރިޔާ ވިދާޅުވީ ޚާއްޞަކޮށް ވާރޭފެން ނަގައި ރައްކާކުރެވޭނެ ނިޒާމެއް މީގެ ތެރޭގައި ހިމަނާފައިވުމަކީ، ދުރު މުސްތަޤުބަލަކަށް މިމަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް އެޅިފައިވާ ހަރުދަނާ ފިޔަވަޅެއްކަމަށެވެ.

މީގެ އިތުރުން މި މަޝްރޫޢަކީ ހަމައެކަނި ދަނޑުވެރިކަމުގެ ހަރަކާތެއް ނޫންކަމަށާއި މިއީ އިޖާދީ އައު އުކުޅުތަކާއި، ދެމެހެއްޓެނިވި ތަރައްޤީގެ އިތުރުން މުޖުތަމަޢު ބާރުވެރިކުރުވުމުގެ ރީތި ނަމޫނާއެއް ކަމަށާ މިއީ ދިވެހިރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާޢަތް އާ އުސްމިންތަކަކަށް ގެންދިއުމަށްޓަކައި ނުހަނު ބޭނުންތެރި ފިލާވަޅުތަކެއް ލިބިގެންދާނެ މުހިންމު މަސައްކަތަކެއްކަން މާރިޔާ ފާހަގަކުރެއްވިއެވެ.

އެގޮތުން މި މަޝްރޫޢުގައި އެންމެ އިސްކަމެއް ދެވިފައިވަނީ ހައިޑްރޯޕޮނިކްސް ދަނޑުވެރިކަމުގެ ޒަރީޢާއިން އަންހެނުން ބާރުވެރިކުރުވުމަށް ކަމަށާ ދެވަނަ ކަމަކީ، އިއާދަކުރަނިވި ހަކަތައަށް އިސްކަންދިނުން ކަމަށާއި ތިންވަނަ ކަމެއްގެ ގޮތުގައި ތިމާވެށީގެ ރައްކާތެރިކަމަށްޓަކައި ކުރެވެމުންދާ މުހިންމު މަސައްކަތްތައްކަން މާރިޔާ ފާހަގަކުރެއްވިއެވެ.

އަންގާރަ ދުވަހު ރަސްމީކޮށް "ވާދޫ ގްރީން ފާމް" އިފްތިތާޙް ކޮށްފައިވާ އިރު މި މަޝްރޫޢަކީ ޔޫ.އެން.ޑީ.ޕީ އާއި، ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާ، އަދި ވާދޫ އެސޯސިއޭޝަން ފޮރ ފިއުޗަރ ޑިވެލޮޕްމެންޓް (ވީ.އޭ.އެފް.ޑީ) ގުޅިގެން ކުރިއަށްގެންދާ މަސައްކަތެއްކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާ އިން މައުލޫމާތުދެއެވެ. އަދި މިއީ ދިވެހިރާއްޖޭގައި ރަށްފުށުގެ މުޖުތަމަޢުތައް އިސްކޮށްގެން ކުރިއަށްގެންދާ މޫސުމަށް އެކުވެރި ދަނޑުވެރިކަމާއި، އިއާދަކުރަނިވި ހަކަތައަށް ބަދަލުވުމުގައި ލިބުނު މުހިންމު ކުރިއެރުމެއް ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާ އިން ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން ވާދޫ ގްރީން ފާމް އިން ތަޢާރަފްކުރަނީ ސީދާ އިއާދަކުރަނިވި ހަކަތައިން ހިންގާ ވިޔަފާރީގެ ބޮޑުމިނުގައި ހައިޑްރޮޕޯނިކްސް ދަނޑުވެރިކަމެވެ. މި މަރުކަޒުގައި ތިމާވެއްޓާ އެކުވެރި އެތައް ޓެކްނޮލޮޖީތަކެއް އެކުލެވިގެންވާކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާ އިން މައުލޫމާތުދެއެވެ.

ހަމަ މިއާއެކު ދިވެހިރާއްޖޭގެ ކާނާގެ ރައްކާތެރިކަން ކަށަވަރުކޮށް، ރ. ވާދޫއަކީ އިއާދަކުރަނިވި ހަކަތައިން ހިންގާ ރާއްޖޭގެ ފުރަތަމަ މީހުން ދިރިއުޅޭ ރަށެވެ.