ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ވިޔަފާރިކުރާ ތަންތަން ބެލުމަށް އިމިގްރޭޝަނުން ހިންގާ އޮޕަރޭޝަންގެ ތެރެއިން 5 ތަނެއް ބަލައިފާސްކޮށް، 3 މީހަކު އިމިގުރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް މޯލްޑިވްސް އިމިގުރޭޝަން އިން ބުނެފިއެވެ.
އިމިގްރޭޝަނުން ބުނީ ގަވާއިދާ ހިލާފަށް ބިދޭސީން ވިޔަފާރިކުރާ ތަންތަން ދެނެގަނެ، އެ ތަންތަން ބަލައިފާސްކުރުމަށް ޓާސްކްފޯސްއިން ހިންގަމުންދާ އޮޕަރޭޝަންގައި އިއްޔެ ވަނީ މާލޭގައި ގަވާއިދާ ޚިލާފަށް ބިދޭސީން ހިންގަމުންދިޔަ 05 ތަނެއް ބަލައި ފާސްކޮށް، 03 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިކަމަށެވެ.
މީގެ އިތުރުން މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް، ސައްހަ ވިސާއެއް ނެތި އުޅެމުން ގެންދާ ބިދޭސީން ހޯދައި އަނބުރާ އެމީހުންގެ ގައުމުތަކަށް ފޮނުވާލުމަށް ކުރިއަށް ގެންދާ ސިލްސިލާ އޮޕަރޭޝަން ތަކުގެ ތެރެއިން، ފުލުހުންނާއި، އިމިގްރޭޝަން، ކަސްޓަމްސް އަދި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ގުޅިގެން ހިންގި އޮޕަރޭޝަންގައި ޖުމްލަ 10 ތަނެއް ބަލައިފާސްކޮށްފައިވާކަމަށެވެ.
އެގޮތުން ބަލައިފާސްކޮށްފައިވާ 5 ތަނަކަށް ނޯޓިސް ދިނުމަށްފަހު ބަންދުކޮށްފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ރާއްޖޭގައި ބިދޭސީން ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ކަމުގެ ޝަކުވާ ހުށަހެޅުމަށް އިގުތިސާދީ ވުޒާރާއިން ކުރި އިއުލާނާ ގުޅިގެން، ގަވާއިދާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ހުއްޓުވުމަށްޓަކައި ގައުމީ ފެންވަރުގައި އެކުލަވާލާފައިވާ ނޭޝަނަލް ޓާސްކްފޯހުން ވިޔަފާރިތައް އިންސްޕެކްޓްކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.