"ހާލު ކިހިނެއް" ޕްރޮގްރާމްގެ ތެރެއިން މިހާތަނަށް 17000 ގޭބިސީއަށް ޒިޔާރަތް ކޮށްފައިވާ ކަމަށް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ވިދާޅުވީ "ހާލު ކިހިނެއް" ޕްރޮގްރާމުގެ ތެރެއިން ދިމާވާ ފަރާތްތަކުގެ ހާލަތު އަބަދުވެސް ގާތުން ބައްލަވަމުން ގެންްދަވާ ކަމަށެވެ.

"ހާލު ކިހިނެއް؟" ޕްރޮގްރާމަކީ އޯގާތެރި މުޖުތަމަޢެއް ބިނާކުރުމަށް ސަރުކާރުން ގެންގުޅޭ ތަސައްވުރު ފުރިހަމަކޮށް، ރައްޔިތުންގެ ހާލަތު ދެނެގަނެ، ގާތުން ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން މިނިސްޓްރީން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގެ މަގްސަދަކީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ތިބި ރައްޔިތުންގެ ގާތަށް ޒިޔާރަތްކޮށް، އެމީހުންގެ ހާލު ބަލައި، މުޖުތަމައުގައި ތިބި އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އެހީތެރިވުމެވެ.

މި ޕްރޮގްރާމުގެ ދަށުން އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެއްވުމަށް ދައުލަތުގެ އެހެން މުވައްސަސާތަކާއި ކަމާ ގުޅުންްހުރި އެހެނިހެން އިދާރާތްތަކާއި ގާތުން މަސައްކަތްކުރައްވާ ކަމުގައިވެސް މިނިސްޓަރު ވިދާޅުވި އެވެ.

މެއި 2021 ގައި ފެށި މި ޕްރޮގްރާމް ކުރިއަށް ގެންދަނީ އެކި ފިޔަވަހިތަކަށް ބަހާލައިގެންނެވެ. މިނިސްޓްރީގެ އަމާޒަކީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ގެތަކަށް ޒިޔާރަތްކޮށް، ދައުލަތުގެ ޚާއްސަ ސަމާލުކަމާއި އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ބުނެފައިވެ އެވެ.

ތާވަލުކުރެވިގެން ރާއްޖޭގެ ހުރިހާ ހިސާބެއްގައި މި ޕްރޮގްރާމު ކުރިއަށް ގެންދިއުމަށް ރާވާފައިވީ ނަމަވެސް، ޚާއްސަ ސަމާލުކަން ބޭނުންވާ ފަރާތްތަކުން އަވަސް އެހީތެރިކަން ހޯދުމަށް ވުޒާރާގެ ކޯލް ސެންޓަރުގެ ނަންބަރު 1433 އާއި ގުޅާ، މަޢުލޫމާތު ހިއްސާކުރެވޭނެކަމަށް އެ މިނިސްޓްރީއިން ވަނީ ބުނެފައެވެ. އަދި ޚާއްސަ އިސްކަމެއް ދީގެން އެ ގެތަކަށް ޒިޔާރަތްކޮށް އެ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ވުޒާރާގެ ޓީމްތަކުން ކުރާނެކަމަށް މިނިސްޓްރީއިން ބުނެ އެވެ.