ގަލޮޅު ސިޓީ ޕާކުގެ މަސައްކަތް ނިންމައި އާންމުންނަށް ހުޅުވާލައިފި އެވެ.

ޕާކު އާންމުންނަށް ހުޅުވާލުމަށް ފަހު މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 10 އަހަރުވަންދެން، ވަށައިގެން ޓިނު ޖަހައި ބަންދުކޮށްފައި އޮތް، ގަލޮޅު ސިޓީ ޕާކު 2024 ވަނަ އަހަރު އަލުން ޑިޒައިން ކޮށް ވަރަށް ފުރިހަމައަށް ހަދައި ހުޅުވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

އާޒިމް ވިދާޅުވީ ޕާކު އަލުން ޑިޒައިންކޮށް ހުޅުވީ ވަރަށް ގިނަ ގޮތްގޮތަށް، ރައްޔިތުންނަށް ބޭނުންހިފޭނެ ގޮތަކަށް ޑިޒައިންކޮށްގެން ކަމަށެވެ. އަދި މައިގަނޑު އެއް އަމާޒަކީ މާލެ ސިޓީގެ މޭޔަރުކަމުގައި ހޭދަކުރި މުއްދަތުގައި ޖާގަ ލިބެން އޮތް އެންމެ މަތީ މިންވަރަކަށް މިފަދަ ހިތްފަސޭހަ މައިޒާންތައް މާލެ ސިޓީގައި ގާއިމްކޮށް ރައްޔިތުންނަށް އުފާވެރިކަން ގެނެސް ދިނުން ކަމަށް ވިދާޅުވި އެވެ.

ސިޓީ ޕާކު ތަރައްގީކޮށްފައިވަނީ ބެޑްމިންޓަން ކޯޓަކާއި، ތްރީއޮންތްރީ ބާސްކެޓް ބޯޅަ ކޯޓަކާއި އެކި އުމުރުފުރައިގެ މީހުން ކަސްރަތު ކުރާނެ ތަނަކާއި، ހިތްހަމަ ޖައްސާލުމަށް މަޑުކޮށްލާނެ ޖާގައާއި ކުޑަކުދިން ކުޅުމަށް ހާއްސަ ސަރަޙައްދަކާއި އަދި އެކި ކަހަލަ އިވެންޓްތައް ބާއްވާނެ ތަނަކާއެކުގަ އެވެ.

އާޒިމް ވަނީ ޕާކު ބޭނުންކުރައްވާ ހުރިހާ ރައްޔިތުން ވެސް ޕާކު ރީތިކޮށް ބޭއްވުމަށް މަސައްކަތްކޮށް ދެއްވުމަށް އިލްތިމާސް ކުރައްވާފަ އެވެ.