މޯލްޑިވްސް ގޭސް ކުންފުނިން ގޭސް ގަތުމުގައި ހިންގި ކޮރަޕްޝަންގެ އަމަލު ބެލުމަށް އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް (އެސްއޯއީ) ކޮމިޓީއިން މި މައްސަލަ ބަލައިދިނުމަށް އެދި ހުށަހެޅުއްވީ މާވަށު ދައިރާގެ އެމްޑީޕީ މެމްބަރު އަހުމަދު ޝާކިރެވެ.
މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަށް އެޑްރެސްކޮށް މެމްބަރު ހުށަހެޅުއްވި ސިޓީގައި އޮކްޓޫބަރު 2024 ގައި ގޭސް ކުންފުނިން އޯޑަރުކުރި 800،00 ޑޮކަރުގެ ގޭސް ޝިޕްމަންޓެއްގެ އެޑްވާންސް ފައިސާގެ ގޮތުގައި ދެއްކި 246،645 ޑޮލަރު ނުވަތަ 3.7 މިލިއަން ރުފިޔާ "ގެއްލުނު" މައްސަލަ ބަލައިދިނުމަށް އެދިފައިވެ އެވެ. އަދި މިކަމާ ގުޅޭގޮތުން މަޖިލީހުގެ އެމްޑީޕީ މެމްބަރުން، ހުސެއިން ޒިޔާދު އަދި ޑރ. އަހުމަދު ޝަމްހީދު ވާހަކަދެއްކެވުމުން އެ ދެ މެމްބަރުންނަށް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދު އިންޒާރު ދިން މައްސަލަ ބަލައިދިނުމަށް ހުށަހަޅާފައިވެ އެވެ.
ގޭސް ކުންފުނިން އޯޑަރުކުރި 800،00 ޑޮކަރުގެ ގޭސް ޝިޕްމަންޓެއްގެ އެޑްވާންސް ފައިސާގެ ގޮތުގައި ދެއްކި 246،645 ޑޮލަރާއި ގުޅޭގޮތުން ކުރެވޭ ތުހުމަތުތަކަކީ ސީރިއަސް ތުހުމަތުތަކެއްކަން މެމްބަރު އަހުމަދު ޝާކިރު ފާހަގަކުރެއްވި އެވެ.
ގޭހުގެ ޝިޕްމަންޓަށް އެޑްވާންސްގެ ގޮތުގައި ދެއްކި ފައިސާ ގެއްލިފައިވާކަން ހާމަކުރެއްވީ އަދި ދިއްގަރު ދާއިރާގެ ސަރުކާރު މެންބަރު އަހުމަދު ނާޒިމެވެ.
އޭގެ ފަހުން ދައުރުން ބޭރުން ބޭއްވި މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރު ހުސެއިން ޒިޔާދު ވަނީ އެ ފައިސާ ގެއްލުނީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ބެޓު ކޮށްގެން ނުވަތަ ޖުވާ ކުޅެގެންކަމަށް ތުހުމަތު ކުރައްވާފަ އެވެ.
ގޭސް ގެންނަން ދުބާއީގެ ކުންފުންޏަކަށް އެޑްވާންސްގެ ގޮތުގައި ދޫކުރި ފައިސާ މިހާތަނަށް ލިބިފައި ނުވާތީ، އެ ކުންފުންޏާ މެދު ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި ފެށި އެވެ. އެހެންނަމަވެސް ފަހުން އެކަމުގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެ އެވެ.
މޯލްޑިވް ގޭސްއިން ބުނީ ކަނޑައެޅި މުއްދަތުގެ ތެރޭގައި ގޭހުގެ ޝިޕްމެންޓް ނުލިބުމުން، ދުބާއީގެ ކުންފުންޏާ އެކި ފަހަރު މަތިން ވާހަކަ ދައްކައިގެން ވެސް އެޑްވާންސް ފައިސާ މިހާތަނަށް އަނބުރާ ނުލިބޭ ކަމަށް އޭރު ބުނެފައިވެ އެވެ.
މިކަމާ ބެހޭޭގޮތުން މިދިޔަ އަހަރު މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއްގައި މަޖިލީގުގެ ނައިބު ރައީސް އަހްމަދު ނާޒިމް ވަނީ، މޯލްޑިވް ގޭސްއިން ގޭސް ގަންނަން ދުބާއީގެ ކުންފުންޏަށް އެޑްވާންސްގެ ގޮތުގައި ދިން ފައިސާ އަނބުރާ ނުލިބޭ ކަމަށާއި، ގޭސް ގަންނަމުން އައި ކުންފުނި ބަދަލުކުރި ސަބަބު ވެސް ސާފުނުކޮށްދީފައި ނުވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އެ މައްސަލައާ ގުޅިގެން، އެސްޓީއޯއިން މިހާރު ގޭސް ގަތުމުގެ ހުރިހާ ބާރެއް މޯލްޑިވް ގޭހުގެ އަތުން ނަގާފައި ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.
ނަމަވެސް މޯލްޑިވް ގޭސްއިން ބުނެފައިވަނީ، ގޭސް ގަތުމުގެ މުއާމަލާތްތައް ކުރިއަށް ގެންދަނީ އެ ކުންފުނީގެ ޕްރޮކިއުމަންޓް ޕޮލިސީއާ އެއްގޮތަށް ކަމަށާއި، އެ މުއާމަލާތުގައި އެއްވެސް ހިޔާނާތެއް ހިނގާފައި ނުވާނެ ކަމަށެވެ.