އިރާނުގައި މިހާރު ކުރިޔަށްދާ މުޒާހަރާތަކުގައި ހަތިޔާރު އަޅައިގެން ތިބި މީހުން ހަރަކާތްތެރިވާކަމަށް އިރާނުން ބުނެފައިވާއިރު ބައެއް ގެތަކުން އެމެރިކާގެ ހަތިޔާރާއި ގޮވާތަކެތި ފެނިފައިވާކަމަށް އިރާނުގެ އިންޓެލިޖެންސް އެޖެންސީން ބުނެފިއެވެ.
އިރާނުގެ ފޮރިން މިނިސްޓަރ އައްބާސް އަރަގާޗީ ވިދާޅުވީ މުޒާހަރާކުރާ މީހުންނަށް ގައުމުން ބޭރުގެ ފަރާތްތަކުން އޯޑަރު ދޭ ވޮއިސް ރިކޯޑިންގެ އިރާނުގެ ކަމާބެހޭ އިދާރާތަކުގައި އެބަހުރިކަމަށެވެ. އިރާނުގެ އޮފިޝަލުން ވަނީ މުޒާހަރާ ހަލަބޮލިކޮށް ހަމަނުޖެހުން އުފެއްދުމަށް އެމެރިކާ އާއި އިސްރާއީލުގެ އެޖެންޓުން ހަރަކާތްތެރިވަމުންދާކަމަށް މީގެކުރިންވެސް ތުހުމަތުކޮށްފައެވެ. މުޒާހަރާ ހަލަބޮލިކޮށް ހަމަނުޖެހުން އުފައްދަނީ މުޒާހަރާތައް ކޮންޓްރޯލްކުރުމަށް ބާރުގެ ބޭނުންކުރުވުމަށް މަޖުބޫރުކުރުވުމަށްކަމަށް އިރާނުގެ އޮފިޝަލުން ބުނެއެވެ.
އަނެއްކޮޅުން އިރާނުގެ ފޮރިން މިނިސްޓަރ ވިދާޅުވީ މުޒާހަރާތައް ހަލަބޮލިކޮށް ލޭއޮހޮރުވުމަކަށް ބަދަލުކޮށްލީ އެމެެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިރާނަށް އަސްކަރީ ގޮތުން ހަމަލާދިނުމުގެ ފުރުސަތު ފަހިކުރުމަށްކަމަށެވެ. ފޮރިން މިނިސްޓަރ އިތުރަށް ވިދާޅުވީ މުޒާހަރާގެ ބައިވެރިންނަށް ހަތިޔާރު ބަހާ ވީޑިއޯވެސް ކަމާބެހޭ ފަރާތްތަކުގައި އެބަހުރިކަމަށާއި މުޒާހަރާއިން ހައްޔަރުކުރި މީހުން މިކަންކަމަށް އެއްބަސްވެފައިވާކަމަށެވެ.
ރޮއިޓަރސް އިން އިރާނުގެ އޮފިޝަލަކާ ހަވާލާދީ ބުނެފައިވަނީ މުޒާހަރާތަކުގައި 2000 މީހުން މަރުވެފައިވާކަމަށެވެ. އޭގެތެރޭގައި އިރާނުގެ ސަލާމަތީ ބާރު ތަކުގެ މީހުންވެސް ހިމެނެއެވެ.