"ސްޓޭޓް ޔުޓިލިޓީ ސްކިލްސް އެކަޑަމީ" އިން ހިންގި ފުރަތަމަ ތަމްރީނު ޕްރޮގްރާމް ނިންމައި، ބައިވެރިންނަށް ސެޓިފިކެޓް ހަވާލުކޮށްފި އެވެ.

ސްޓެލްކޯ އިން ބުނީ "ކަމިންސް ކޭޓީއޭ 19 ސާވިސް ޓްރެއިނިން" ގެ ނަމުގައި މި މަހުގެ 4 އިން އިއްޔެގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ތަމްރީނުގެ ފުރަތަމަ ބެޗުގައި އަތޮޅުތެރޭގެ އިންޖީނުގެތަކުން 10 މުވައްޒަފަކު ބައިވެރިވެ ތަމްރީނު ފުރިހަމަކޮށްފައިވާ ކަމަށެވެ.

މި ތަމްރީނު ޕްރޮގްރާމުގައި މަސައްކަތުގެ މާހައުލުގައި ހިފަހައްޓަންޖެހޭ ފަންނީ އަދި ސުލޫކީ މިންގަނޑުތަކަށް އަހުލުވެރިކުރުވުމުގެ އިތުރުން، ކަމިންސް ކޭޓީއޭ 19 އިންޖީނުގެ އެކި ބައިތައް ދެނެގަތުމާއި، ކަމިންސްގެ ވެބްސައިޓް މެދުވެރިކޮށް ސްޕެއާ ލިސްޓު ތައްޔާރުކުރާނެ ގޮތްތަކާއި ސާވިސް މެނުއަލް ބޭނުންކުރާނެ ގޮތުގެ ފަންނީ މައުލޫމާތު ވަނީ ފޯރުކޮށްދީފަ އެވެ.

މީގެ އިތުރުން، އިންޖީނު އެއްކޮށް ރޫޅާލައި އަލުން ރޭވުމުގެ އަމަލީ ތަމްރީނާއި، އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމާއި އަލިފާން ނިއްވުމުގެ ގަވާއިދުތަކަށް ވެސް މި ޕްރޮގްރާމުގައި ވަނީ އަލިއަޅުވާލާފަ އެވެ.

ސްޓެލްކޯ އިން ކ. ތުލުސްދޫގައި ގާއިމުކުރި ސްޓޭޓް ޔޫޓީލިޓީ ސްކިލްސް އެކެޑެމީ ހުޅުއްވައި ދެއްވީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.

ސްޓެލްކޯ އިން ބުނި ގޮތުގައި ސްޓޭޓް ޔޫޓީލިޓީ ސްކިލްސް އެކެޑެމީ އަކީ ޔޫޓިލިޓީ ދާއިރާއިން އިންސާނީ ވަސީލަތް ތަރައްގީކޮށް މި ދާއިރާއިން މީހުން ބިނާކޮށް ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ހުނަރު ތަރައްގީ ކުރުމަށް އެކުންފުނިން ގާއިމްކޮށްފައިވާ އެކެޑަމީއެކެވެ.