އީރާނާއި ދެކޮޅަށް އެމެރިކާއިން ބާރުގެ ބޭނުން ކުރުމާއި ދެކޮޅު ހައްދަވާ ކަމަށާއި ނަމަވެސް އީރާންގެ ސަރުކާރާއި ދެކޮޅަށް މުޒާހަރާ ކުރާ ޒުވާނުންނަށް ތާއިދު ކުރައްވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިފަދައިން ވިދާޅުވީ އީރާނުގެ ރައްޔިތުން މަގުމައްޗަށް ނިކުމެ ކުރަމުންދާ މުޒާހަރާތަކުގައި މުސްލިމް ގައުމެއްގެ ހައިސިއްޔަތުން އެ ގައުމުގެ ރައްޔިތުންނާއެކު ތިބެންޖެހޭ ކަމަށާއި ހިމާޔަތް ކުރަންވީ އެ ގައުމުގެ ސަރުކާރު ނޫންކަމަށް ވިދާޅުވެ، ނަޝީދު ކުރެއްވި ޕޯސްޓަށް ސްރީލަންކާގައި ހުންނަ އީރާންގެ އެމްބަސީން ރައްދުދިނުމުންނެވެ.

އީރާންގެ އެމްބަސީއަށް ރައްދު ދެމުން ނަޝީދު ވިދާޅުވީ އީރާނުގެ ކަންކަމުގެ ތެރެއަށް އެމެރިކާއިން އަތްބާނައި ބާރުގެ ބޭނުންކުރުމާއި އެމަނިކުފާނު ވެސް ދެކޮޅު ކަމަށެވެ. ނަމަވެސް މުޒާހަރާތަކަށް ތާއިދުކުރަން ޖެހޭކަމަށް ނަޝީދު ވިދާޅުވިއެވެ. އީރާންގައި ކުރަމުންދާ މުޒާހަރާތަކުގެ ފަހަތުގައި އެމެރިކާ އާއި އިސްރާއީލް އޮތްކަމަށް އީރާނުން ތުހުމަތު ކުރާތީ ނުސީދާކޮށް އެކަން ދޮގު ކުރަމުން ނަޝީދު ވިދާޅުވީ މިއީ ރާއްޖޭގެ މާޒީ ވެސް ހަނދާންކޮށްދޭ ކަމެއް ކަމަށެވެ.

ނަޝީދު ވިދާޅުވީ އީރާންގެ ޒުވާނުން ތަޖުރިބާކުރާ ހަގީގީ އަނިޔާ އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށެވެ.

ސްރީލަންކާގައި ހުންނަ އީރާން އެމްބަސީގެ ރަސްމީ އެކްސް އެކައުންޓުން ނަޝީދަށް ރައްދުދީ ބުނި ގޮތުގައި، މިދިޔަ ޖޫން މަހު ހިނގި 12 ދުވަހުގެ ކުރިމަތިލުންތަކުގައި، އިސްތިއުމާރީ ޒަޔަނިސްޓު ބާރުތަކުން ވަނީ އީރާނުގެ ރަށްތަކަށާއި، އާންމު ރައްޔިތުންނަށް އަދި ގައުމުގެ އުމްރާނީ ވަސީލަތްތަކަށް އަމާޒުކޮށް ވަރުގަދަ އަސްކަރީ ހަމަލާތަކެއް ދީފައެވެ.