ރާއްޖެއަށް ބޭސް އެތެރެކުރަން ސަރުކާރުން އުފައްދާފައިވާ ކުންފުނި، ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައިގެ ދަށަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ހުރިހާ ފާމަސީއެއް ބަދަލުކުރުމުގެ މަރުހަލާ އަންނަ ހަފްތާގައި ފެށުމަށް ތައްޔާރު ވެއްޖެ އެވެ.

އެ މަސައްކަތް އަންނަ ހަފުތާގައި ފަށައި، ފެބުރުއަރީ މަހުގެ ދެވަނަ ހަފުތާ ތެރޭ ނިންމުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.

މާލެ ސަރަހައްދުގައި ހިންގާ އެސްޓީއޯ ފާމަސީތަކާ، ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި އިން ހަވާލުވުމުގެ މަސައްކަތް އަންނަ ހަފުތާގެ އަންގާރަ ދުވަހު ފަށާނެ އެވެ. އެކި މަރުހަލާތަކަށް ބަހާލައިގެން ހުރިހާ ފާމަސީތަކުގެ އޮޕަރޭޝަންތައްވެސް އަންނަ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ބޭސް ކުންފުނީގެ ދަށަށް ބަދަލުކޮށް ނިންމާނެ އެވެ.

ސަރުކާރުގެ ބޭސް ކުންފުނި ހިންގަން 3-6 މަސް ދުވަސް ނަގާނެ ކަމަށް، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑރ.ޝާހު މާހިރު މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ވަނީ ވިދާޅުވެފަ އެވެ.

މި ކުންފުނި އުފައްދަވާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 9 ގައެވެ.