ރަމަޟާން މަހަށް ޚާއްސަކޮށް ފަސޭހަ ކަމާއިއެކު މޭވާއާއި ތަރުކާރީގެ ބާވަތްތައް ގަނެވޭނެ މަގު ފަހިކޮށްދިނުމަށް ދެވަނަ ފިޔަވަހީގައި ވަގުތީ މާރުކޭޓެއް ހެދުމުގެ މަސައްކަތް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ފަށައިފި އެވެ.

އެޗްޑީސީން ބުނީ ޖުމްލަ 24 ގޮޅިއާ އެކު މި މާރުކޭޓު ހަދަނީ ދެވަނަ ފިޔަވަހީގެ ވިނަރެސް 8 ވަނަ ފްލެޓާއި ވަގުތީ މިސްކިތާ ދެމެދު އޮންނަ ހުސް ސަރަޙައްދުގައިކަމަށެވެ.

އެގޮތުން މާރުކޭޓު އިމާރާތް ކުރުމުގެ މަސައްކަތްތައް މިހާރު ފަށާފައި ވާއިރު، ކުރިއަށް އޮތް ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މާރުކޭޓު އިމާރާތްކޮށް ނިންމާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެޗްޑީސީން ބުނެފައިވެއެއެވެ. އަދި މަސައްކަތް ނިމުނުހާ އަވަހަކަށް ޢާންމު އުސޫލުން ގޮޅިތައް ދޫ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށްވެސް އެޗްޑީސީން ބުނެފައިވެއެވެ.

ހުޅުމާލެ އަކީ އާންމުނަށް ހިތްފަސޭހަ ތަނަކަށް ހެދުމަށް އެޗްޑީސީން އަބަދުވެސް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ވެސް އެ ކުންފުނިން ވަނީ ދީފައެވެ.