އުރީދޫގެ 5ޖީ ހިދުމަތް ރާއްޖޭގެ 80 އިންސައްތައަށް މިހާރު ލިބޭނެކަމަށް އުރީދޫއިން ބުނެފި އެވެ.

އުރީދޫއިން ބުނީ ރާއްޖޭގެ 80 އިންސައްތައަށް މިހާރު މި ހިދުމަތް ދޭއިރު އުރީދޫ 5ޖީ ނެޓުވޯކަކީ މިހާރު ރާއްޖޭގައި އޮތް އެންމެ ފުޅާ 5ޖީ ނެޓުވޯކު ކަމަށެވެ. މިއީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި މުޖުތަމައުތައް ބާރުވެރިކުރުވުމަށް އެޅުނު އިތުރު ފިޔަވަޅެއް ކަމަށް އުރީދޫއިން ބުނެ އެވެ.

5ޖީ މެދުވެރިކޮށް ކަސްޓަމަރުންނަށް އަލްޓްރާ ފާސްޓް ސްޕީޑް، ލޯ ލޭޓެންސީ އަދި ޒަމާނީ ޑިޖިޓަލް ލައިފްސްޓައިލް ސަޕޯޓްކުރާ ޕާފޯމަންސް ލިބިގެންދާނެއެވެ. ހައި-ޑެފިނިޝަން ސްޓްރީމިން އަދި އޮންލައިން ގޭމިން އިން ފެށިގެން ރިމޯޓް ވޯކް، ލަރނިންގް، ކޮންޓެންޓް ކްރިއޭޝަން އަދި ސްމާޓް ހޯމް ސޮލިއުޝަންސް ފަދަ ހިދުމަތްތައް ފޯރުކޮށްދޭ އުރީދޫގެ 5ޖީ ނެޓްވޯކް މެދުވެރިކޮށް ކަސްޓަމަރުންނަށް މިނިވަންކަމާއެކު ގުޅެވޭނެ އެވެ.

އުރީދޫގެ 5ޖީ ނެޓްވޯކް ފުޅާކުރުމުގެ މަގްސަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޑޭޓާ ބޭނުންކޮށްގެން ފޯރުކޮށްދޭ ހިދުމަތްތަކަށް އޮތް ޑިމާންޑަށް ބަލައި، ގޭބިސީތަކާއި ވިޔަފާރިވެރިންނާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އުރީދޫއިން ބުނެ އެވެ.

އިތުބާރު ހިފޭ ހައި ސްޕީޑް ކަނެކްޓިވިޓީ ފޯރުކޮށްދިނުމުގެ ސަބަބުން އުރީދޫގެ ކަސްޓަމަރުންނަށް އާ ފުރުސަތުތައް ހޯދައިދީ، އުފެއްދުންތެރިކަން އިތުރުކޮށް، މުއްސަނދި ޑިޖިޓަލް ތަޖުރިބާ އެއްވެސް ހުރަހެއް ނެތި ލިބިގެންދާނެ ކަމަށާއި މިއީ ޒަމާނީ ދިރިއުޅުމަށް ކޮންމެހެން ބޭނުންވާ ޚިދުމަތްތަކަށް ބެނުންވާ ޓެކްނޮލޮޖީ ފަހިކޮށްދެވޭނެ ނެޓްވޯކެއް ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

އުރީދޫއިން ބުނީ މިއީ އުރީދޫ މޯލްޑިވްސްއިން ނެކްސްޓް ޖެނެރޭޝަން އިންފްރާސްޓްރަކްޗަރ އަށް ކުރަމުންދާ އިންވެސްޓްމަންޓާއި މުސްތަގުބަލަށް ތައްޔާރު ޑިޖިޓަލް މޯލްޑިވްސްއެއް ބިނާކުރުމަށް އުރީދޫ މޯލްޑިވްސްގެ ތަސައްވުރު ރަމްޒުކޮށްދޭ ލަނޑުދަނޑިއެއް ކަމަށެވެ. އުރީދޫގެ މި ނެޓްވޯކް އިތުރަށް ފުޅާވަމުން ދާއިރު، އުރީދޫއިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ އީޖާދީ އުފެއްދުންތައް ކަސްޓަމަރުންނާ ގާތްކޮށްދީ، އާންމު ދިރިއުޅުމަށް އިތުރު ފުރިހަމަ ގުޅުންތަކެއް ފަހިކޮށްދިނުމަށް ކަމަށް ވެސް ބުނެ އެވެ.