އިރާނުގެ ސަރުކާރާ މެދު ހިތްހަމަނުޖެހިގެން ކުރިޔަށްގެންދާ މުޒާހަރާ ވަރުގަދަވާން ފެށުމުން އިރާނުން ކަނޑާލާފައިވާ އިންޓަރނެޓްގެ ޚިދުމަތް ވަރަށް އަވަހަށް ދޭނެކަމަށް އެގައުމުގެ ފޮރިން މިނިސްޓަރ އައްބާސް އަރަގާޗީ ވިދާޅުވެއްޖެއެވެ.

މުޒާހަރާ އިރާނުގެ އެކި ސަރަހައްދުތަކަށް ފުޅާވެ ތަންތަން ރޯކޮށް ހަމަނުޖެހުން ބޮޑުވާން ފެށުމުން އިރާނުގެ ސަރުކާރުން ވަނީ އިންޓަނެޓްގެ ޚިދުމަތް މެދުކަނޑާލާފައެވެ. ކަނެކްޓިވިޓީ ވޮޗް ޑޯގެއްކަމުގައިވާ ނެޓްބްލޮކްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މިއަދުވެސް އިރާނުގެ އެކި ސަރަހައްދުތަކުގައި އިންޓަރނެޓް ލިބޭ ވަރު ކުޑައެވެ. އިންޓަނެޓް ކަނޑާލިތާ 84 ގަޑިއިރު ވެފައިވާކަން ފާހަގަކޮށް ނެޓް ބްލޮކްސް އިން ބުނީ ހުރަސްތަކާއެކުވެސް ބައެއް މީހުން އިންޓަރނެޓް ބޭނުންކުރަމުންދާކަމަށެވެ.

އިރާނުގެ ފޮރިން މިނިސްޓަރ ވިދާޅުވީ އިންޓަނެޓްގެ ޚިދުމަތް ވަރަށް އަވަހަށް އަލުން ލިބޭނެކަމަށާއި އެކަމާއި ގުޅޭ މަސައްކަތްތައް ސަރުކާރުން ކުރަމުންދާކަމަށެވެ. މީގެއިތުރުން އެމްބަސީތަކާއި ސަރުކާރުގެ މިނިސްޓްރީތަކަށްވެސް އިންޓަރނެޓް ދޭނެކަމަށް ފޮރިން މިނިސްޓަރ ވިދާޅުވިއެވެ.

މަސްރަހު ދިރާސާކުރަމުން އަންނަ އިރާނުގެ ރައްޔިތެއްކަމަށްވާ މެހްރާން ކަމްރަވާ ވިދާޅުވީ އިންޓަނެޓްގެ ޚިދުމަތް ސަރުކާރުން ކަނޑާލީ މުޒާހަރާ އިތުރަށް ފުޅާވިޔަ ނުދިނަމަށެވެ. އަދި އަލުން އިންޓަނެޓްގެ ޚިދުމަތް ދިނުމަށް ސަރުކާރުން ނިންމި ނިންމުމަކީ އިރާނުގެ އެތެރޭގެ ހާލަތު ކޮންޓްރޯލްވެފައިވާކަން ހަމަވާކަމެއްކަމަށެވެ.

އިންސްޓިޓިޔުޓް ފޮރ ދަ ސްޓަޑީ އޮފް ވަރ ގެ ކްރިޓިކަލް ތްރެޓް ޕްރޮޖެކްޓްސް އިން ހާމަކޮށްފައިވާ ގޮތުގައި އާދިއްތަ ދުވަހުން ވެށިގެން މުޒާހަރާގައި ބައިވެރިވާ މީހުންގެ އަދަދު ވަނީ މަދުވާން ފަށާފައެވެ. ނަމަވެސް މިހާރުވެސް ކޮންމެސް ވަރަކަށް މުޒާހަރާތައް ކުރިޔަށްދާކަމަށް ރިޕޯޓްތައް ބުނެއެވެ.

މިފަހުގެ ކުރިޔަށްދިޔަ އެންމެ ބޮޑު މުޒާހަރާގައި ސަލާމަތީ ބާރުތަކުގެ 100ށް ވުރެ ގިނަ އޮފިސަރުން ވަނީ މަރުވަފައެވެ. ސަލާމަތީ ބާރުތަކާ ދެކޮޅަށް ހަމަލާދީ ސަލާމަތީ ތަންތަނާއި އާންމު ތަންތަނަށް ހަމަލާދީ ގެއްލުންދިން މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަކީ މުހިންމު ކަމެއްކަމަށް އިރާނުގެ އިރާނުގެ ޗީފް ޖަސްޓިސް ގޮލާމްހުސައިން މުހުސެނީ ވިދާޅުވިއެވެ. މުޒާހަރާގައި މަރުވި މީހުންގެ ހަނދާނުގައި ތިން ދުވަހު ހިތާމަ ފާޅުކުރަން އިރާނުގެ ސަރުކާރުން ވަނީ ނިންމާފައެވެ.