ސަރުކާރުން މާލެ ސަރަހައްދުގައި ތައާރަފްކުރަން މަސައްކަތް ކުރަމުން އަންނަ ޓެކްސީ ލައިނަށް ޕާޓް ޓައިމް ޓެކްސީ ޑްރައިވަރުން ހޯދުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރަކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ވޯކް އިން އިންޓަވިއުއެއް ބާއްވަން ނިންމައިފިއެވެ.
އެމްޓީސީސީ އިން (އެކްސްގައި) ކޮށްފައިވަ ޕޯސްޓެއްގައި ބުނީ މި އިންޓަވިއު ކުރިއަށް ދާނީ 17 ޖަނަވަރީ ވާ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އިން ފެށިގެން ހަވީރު 6:00 އަށް ކަމަށެވެ.
ހަމަ މިއާއެކު އިންޓަވިއު ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ މާފަންނު ބަސް ޓާމިނަލްގައިކަން އެމްޓިސީސީ އިން ބުނެއެވެ.
ވީމާ ޕާޓް ޓައިމް ގޮތުގައި ޓެކްސީ ކުރަން ޝައުގުވެރިވާ މީހުން މި އިންޓަވިއުއަށް ދިޔުމަށް އެމްޓިސީސީ އިން އިލްތިމާޒުކޮށްފައިވެއެވެ.
2025 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 19 ވަނަ ދުވަހުގައި އެމްޓީސީސީ އިން މާލެ ޓެކްސީ ހިދުމަތަށް 407 ޑްރައިވަރުން ހޯދަން އިއުލާން ކޮށްފައިވެއެވެ. އަދި ވަޒީފާގެ ފުރުސަތު ޕާޓް ޓައިމް 122 ޑްރައިވަރުންނަށް ހުޅުވާލާފައިވީރު ފުލް ޓައިމް 285 ޑްރައިވަރުންނަށް ހުޅުވާލާފައިވާކަން ފާހަގަކުރެވެއެވެ.
މާލެ ޓެކްސީ ލައިން އަކީ މާލެ ސަރަހައްދުގައި ދެމުން އަންނަ ޓެކްސީ ހިދުމަތް ހޯދުމުގައި އާންމުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން ސަރުކާރުން ފަށާފައިވާ މަޝްރޫއެއްކަމަށް ސަރުކާރުން ބުނަމުން އަންނައިރު މިކަމާ ޑްރައިވަރުން އަންނަނީ ދެކޮޅު ހަދަމުންނެވެ.
ޓެކްސީ ލައިން ފެށުން ލަސްވެފައިވާއިރު މިދިޔަ އަހަރުގެ އޮކްޓޯބަރ މަހު ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެފައިވަނީ ޓެކްސީ ލައިން ފެށުން ލަސްވަނީ އެކަމަށް ގެންނަން މަސައްކަތްކުރާ ވެހިކަލްތައް ރާއްޖޭގެ މާހައުލަށް ފެތޭ ގޮތަށް ބައެއް ބަދަލުތައް ގެންނަން ޖެހޭތީކަމަށެވެ.