އޮޕަރޭޝަން އަލިމަގު ނަމުގައި މިއަދު ފުލުހުން މާލެ އާއި ގއ އަތޮޅުގައި ކުރިޔަށްގެންދިޔަ އޮޕަރޭޝަންގައި ހައްޔަރުކުރި 4 މީހުންނަށް ބަންދުގެ މުއްދަތު ޖަހައިފިއެވެ.

ފުލުހުން ބުނީ މިއަދުގެ "އޮޕަރޭޝަން އަލިމަގު" ގެ ދަށުން މާލެ އާއި ގއ. އަތޮޅުގައި މިއަދު ކުރިއަށްގެންދިޔަ އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ޝެވޯނާ / ގއ.ވިލިނގިލި، ޝައްފާޙް ލަޠީފް (28އ) އާއި މިޔުޒިކީއާގެ / ގއ.ވިލިނގިލި، އަޙްމަދު މަދީޙު (33އ) އާއި އައިޒަން / ގއ.ވިލިނގިލި، އަޙްމަދު އަނާމް އިބްރާހީމް (30އ) އަދި އަރާއިރުގެ / ގއ.ވިލިނގިލި، ނޫރުއްނިޡާމް (35އ) އެވެ. އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޝައްފާޙް ލަޠީފާއި އަޙްމަދު މަދީޙާއި އަޙްމަދު އަނާމް އިބްރާހީމް ޝަރީޢަތް ނިމެންދެން ބަންދު ކުރުމަށް އަދި ނޫރުއްނިޡާމް 15 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައިކަމަށް ފުލުހުން ބުނެއެވެ.

މި މީހުންގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތައް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންކަމަށް ފުލުހުން ބުނެއެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް އަލިމަގުގެ ނަމުގައި ފުލުހުން ބޮޑު އޮޕަރޭޝަނެއް ފެށީ މިދިޔަ ނޮވެންބަރު މަހެވެ.

މި އޮޕަރޭޝަންގެ ތެރެއިން މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ ފަރާތްތަކާ ގުޅުންހުރި ތަންތަން ބަލައި ފާސްކުރުމާއި، ގާނޫނު ތަންފީޒުކުރުމަށް އަޅަން ހުރި ފިޔަވަޅުތައް އަޅާނެ ކަމަށް، ފުލުހުން ބުންޏެވެ.

އަލިމަގު އޮޕަރޭޝަނުން މީގެ ކުރިންވެސް 100އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށް 23 މިލިއަން ރުފިޔާއަށް ވުރެ ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެެންފައިވެއެވެ.