މާލެ ސިޓީގެ މޭޔަރުކަމުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުންނެވިއިރު މާލެ ސިޓީގެ އެއްވެސް ބިމެއް ބަޔަކަށް ވިއްކާފައިނުވާކަމަށާއި ނުގަވާއިދުން ކުއްޔަށްވެސް އެއްވެސް ބިމެއް ދެއްވާފައިނުވާކަމަށް މާލޭގެ ޑެޕިއުޓީ މޭޔަރު މުހައްމަދު އަރީޝް ވިދާޅުވެއްޖެއެވެ.
އަރީޝް މިމޭރުމުން އެކްސްގައި ޕޯސްޓުކުރެއްވީ އިދިކޮޅު އެމްޑީޕީގެ ޕްރައިމަރީގައި މޭޔަރު ކަމަށް, ވާދަކުރައްވާ ޢަލީ ޢާޒިމަށް ރައްދުދެއްވަމުންނެވެ. އަލީ އާޒިމް ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މުއިއްޒުގެ މޭޔަރުކަމުގައި މާލެއިން "ނުއަގުގައި ދިނުމުން ދިނުމުން ލިބުނު ގެއްލުމުގެ ބަދަލު ހޯދަން" ކޯޓަށް ވަޑައިގަންނަވާނެ ކަމަށެވެ.
އެމްޑީޕީގެ ޓިކެޓުގައި ކައުންސިލަށް އިންތިޚާބުވެވަޑައިގަތުމަށް ފަހު ޕީއެންސީއާ ފަހުން ގުޅިވަޑައިގެންނެވި ޢަރީޝް 'އެކްސް'ގައި ކުރެއްވި ޕޯސްޓުގައި ވަނީ، ރައީސް މާލޭގެ މޭޔަރުކަން ކުރެއްވި ދެ އަހަރާއި ހަ މަހުގެ މުއްދަތުގައި މަސައްކަތްކުރެއްވީ މާލޭގެ ހާލަތު ރަނގަޅުކޮށް، ރައްޔިތުން އެދޭ ގޮތަށް ކަންކަން ގެންދިއުމަށް ޓަކައި ކަމަށެވެ.
"އެމަނިކުފާނުގެ މޭޔަރުކަމުގެ މުއްދަތަކީ މާލެ ސިޓީގެ މުނިސިޕަލް ޚިދުމަތްތައް ރަނގަޅުކޮށް، ސިޓީ ފެހިކޮށް، ސާފުތާހިރުކޮށް، ދީނީ އިޖްތިމާޢީ ރޫޙު ސިޓީގައި ދިރިއުޅޭ ރައްޔިތުންގެ މެދުގައި އާލާކޮށް، ރައްޔިތުންނާ ސީދާ ބައްދަލުކުރެއްވުން ގިނަ ކުރައްވައި، ކޮންމެ ހަފުތާއަކު ގޭގެއަށް ޒިޔާރަތް ކުރައްވާ ހާލުއަހުވާލު ބައްލަވާ، ސީދާ ރައްޔިތުން އެދޭގޮތަށް މާލެ ސިޓީގެ ކަންކަން މިސްރާބު ކުރެއްވި ދުވަސްތަކެއް." އަރީޝްގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
ޕޯސްޓުގައި އިތުރަށް އަރީޝް ވިދާޅުވެފައިވަނީ މި ހަގީގަތްތައް ހަޖަމު ނުކުރެވިގެން، އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތައް މާލޭގެ މޭޔަރުކަމުގެ ކެމްޕޭނުގައި ދައްކާ، މާލެ ސިޓީ ކައުންސިލުގެ މޭޔަރަކަށް އައުމަށްފަހު ކުރާނެ ކަމަކީ، ކޯޓުތަކަށް އަބަދު ދުވެ، ދައުވާތައްކޮށް، އަނެކުންނަށް ބިރުދައްކާ، "ގޭންގެއްގެ ގޮތުގައި" މާލެ ސިޓީ ހިންގުންކަމަށް ސިފަވާ ގޮތަށް ވާހަކަތައް ދެއްކުމަކީ ދަށުދަރަޖައިގެ އެއްވެސް އަމާޒެއްނެތް ކެންޕޭނެއްކަމަށެވެ. ލޯކަލް ކައުންސިލްތަކަކީ އޮންނަ ސަރުކާރަކަށް ޖެއްސުންކޮށް ޖަދަލުކުރާން ޤާނޫނީ ގޮތުން އުފައްދާ އިދާރާތަކެއް ނޫންކަމަށާއި އެއީ ސަރުކާރާ ގުޅިގެން ރައްޔިތުންނަށް ބޭނުންވާ މުނިސިޕަލް ޚިދުމަތްތަކާއި ރަށްވެހި ތަރައްޤީ ގެނައުމުގެ މަސައްކަތް ކުރާ ތަނެއްކަމަށް އަރީޝްގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
މާލޭގެ މޭޔަރުކަން ރައްޔިތުންގެ ވޯޓުން ކާމިޔާބުކުރަން އެދޭނަމަ ދައްކަންވީ މާލޭގެ މުނިސިޕަލް ހިދުމަތްތަކަށް ގެންނާނެ ހެޔޮ ބަދަލުގެ ވާހަކަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. "ހިޔާވަހިކަމާއި ދިރިއުޅުމުގެ ފަސޭހަތަކަށް ކުރާ ޕްލޭންތަކުގެ ވާހަކަ، ރައްޔިތުންނާ ގާތުން ހިޔާލާއި މަޝްވަރާ ހޯދައިގެން ސިޓީގެ ކަންކަން ހިންގަން ރާވާ ގޮތުގެ ވާހަކަ،" ޕޯސްޓުގައި އިތުރަށް ވިދާޅުވެފައިވެއެވެ.