ކަނޑުއޮތްގިރި އޮޕަރޭޝަނަށް ގެނެސް، ބޮޑު ކަންނެލި ރަސްމީކޮށް ކަންކެނި ގަންނަން ފަށައިފިއެވެ.
ކަނޑުއޮތްގިރީގައި ބޮޑު ކަންނެލި ގަންނަން ފެށުމުން މަސްވެރިކަމާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް އާއި މިފްކޯގެ ސީއީއޯ ފަރުހަތު ޝަހީރު ވަނީ ކަނޑުއޮތްގިރީގައި މަސައްކަތްކުރިޔަށްދާ ގޮތް ބައްލަވާލައްވާފައެވެ.
ކަނޑުއޮތްގިރިއަށް ވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވަޒީރު ޝިޔާމް ވިދާޅުވީ، ކަނޑުއޮތްގިރިން ބޮޑު ކަންނެލި ކިލޯއެއް ގަންނަމުން އަންނަނީ 25 ރުފިޔާއަށް ކިލޯއެއްކަމަށެވެ. ކިލޯއެއް 25 ރުފިޔާއަށް ގަންނަން ފެށީ އިއްޔެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
އަދި އެއީ މަސްވެރި ސިނާއަތަށް ވަރަށް ބޮޑު ފެށުމެއްގެ ގޮތުގައި ސިފަކުރައްވައި ޝިޔާމް ވިދާޅުވީ، މި ސިނާއަތުގައި ހުރި ގޮންޖެހުންތައް ހައްލުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރަށް ބޮޑަށް އިސްކަންދެއްވާ ކަމަށެވެ.
ކޮންމެ ކަމެއް ފަށާއިރު ވެސް ދެމެހެއްޓެނިވި ގޮތެއްގައި އެ ކަމެއް ކުރެވޭނެ ގޮތެއް ބަލާކަމަށާއި ކަޅު ބިލަމަހާއި ބޮޑު ކަންނެލި މަސްވެރިންނަށް މިސަރުކާރުން ގިނަ ކަންތައްތަކެއް ކޮށްދީފައިވާ ކަމަށް ޝިޔާމް ވަނީ ވިދާޅުވެފައެވެ.
ކަނޑުއޮތްގިރިއަށް ބޮޑު ކަންނެލި ގަންނަން ފެށިއިރު، މީގެ ކުރިން މަސްވެރިން ބޮޑު ކަންނެލި ވިއްކަމުން އައީ، އަމިއްލަ ކުންފުނިތަކަށެވެ.
ސަރުކާރުން ބޮޑު ކަންނެލި މަސްވެރިންނަށްވީ ވައުދުތައް ފުއްދުމުގައި ނަތީޖާ ނުފެންނަ ކަމަށް ބުނެ، ޑިސެމްބަރު 10ގައި ބޮޑު ކަންނެލި މަސްވެރިން ވަނީ އިހުތިޖާޖުކޮށްފައެވެ. ބޮޑު ކަންނެލި މަސްވެރިން އެދެނީ ސަރުކާރުގެ މަސްކުންފުނި މިފްކޯއަށް ބޮޑު ކަންނެލި ގަންނަން ފެށުމަށާއި، ކަންނެލި ގަނެވޭނެ އެންމެ ދަށް އަގަކީ 80 ރުފިޔާ އަދި 100 ރުފިޔާ ކަމަށް ހެދުމަށާއި، މަސްވެރިންނަށް ބޭސް ރޭޓުގައި ތެޔޮ ފޯރުކޮށްދިނުމަށާއި، ފަސޭހައިން އައިސް ލިބޭނޭ އިންތިޒާމު ހަމަޖެއްސުމެވެ.
އިހުތިޖާޖުގެ ބައިވެރިންނާ ވަޒީރު ބައްދަލުކުރެއްވިފަހުން ޑިމާންޑްތަކަށް އުންމީދީ ޖަވާބެއް ލިބުނުކަމަށް މަސްވެރިން ވަނީ ބުނެފައެވެ.