ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން 100،000 ރުފިޔާ ހޯދުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ބީއެމްއެލް އިން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނީ ބީއެމްއެލް އިން މި އަހަރުގެ ރޯދަ މަހާ ދިމާކޮށް ހާއްސަ އިނާމުތަކެއް ހޯދުމަށް މަގުފަހިވާ ޕްރޮމޯޝަން، 'ރަން ފުރުސަތު' 2026 ފަށައިފިކަމަށެވެ.

މީގެ އިތުރުން ބީއެމްއެލް އިން ބުނީ މި ޕްރޮމޯޝަން ކުރިއަށް ގެންދާނީ 10 ޖަނަވަރީން 16 މާޗުގެ ނިޔަލަށް ކަމަށެވެ. އަދި މި ޕްރޮމޯޝަނުގައި ހިމެނޭ ފިހާރަތަކުން މި މުއްދަތުގައި ވިޔަފާރި ކޮށްގެން ކޮންމެ ހަފްތާއަކު އިނާމު ހޯދުމުގެ ފުރުސަތު އަދި ޕްރޮމޯޝަން ނިމުމުން ބޮޑު އިނާމު ހޯދުމުގެ ފުރުސަތު ލިބޭނެކަމަށް ބީއެމްއެލް އިން މައުލޫމާތުދެއެވެ

އެގޮތުން މި ޕްރޮމޯޝަނުގައި ބައިވެރި ކުރެވޭނީ ބީއެމްއެލް ކާޑު މެޝިން، ސްޓެޓިކް ކިއުއާރް ނުވަތަ ބީއެމްއެލް ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް ކުރާ މުއާމަލާތްތައް އެކަނިކަމަށް ބީއެމްއެލް އިން ފާހަގަކޮށްފައިވެއެވެ.

ހަމަ މިއާއެކު މި ޕްރޮމޯޝަނުގެ މުއްދަތުގައި ކޮންމެ ހަފްތާއަކުވެސް 5 ނަސީބުވެރިއަކަށް 2،000 ރުފިޔާގެ ގިފްޓް ކާޑެއް ހޯދުމުގެ ފުރުސަތު ލިބޭނެކަމަށާއި މި ޕްރޮމޯޝަނުގައި ބައިވެރިވާ ފިހާރަތަކުން ކޮންމެ ހަފްތާއަކުވެސް ޖުމްލަ 500 ރުފިޔާގެ ވިޔަފާރި ކުރާ ފަރާތްތައް މި ގުރުއަތުގައި ބައިވެރިކުރެވޭނެކަމަށް ބިއެމްއެލް އިން މައުލޫމާތުދެއެވެ.

މީގެ އިތުރުން ޕްރޮމޮޝޯޝަން ނިމުމުން ގުރުއަތުން ހޮވާ ނަސީބުވެރިއަކަށް ބޮޑު އިނާމުގެ ގޮތުގައި 100،000 ރުފިޔާގެ ގިފްޓް ކާޑެއް ލިބޭނެކަމަށް ބީއެމްއެލް އިން ބުނެއެވެ. އަދި މި ގުރުއަތުގައި ބައިވެރިވެވޭނީ ޕްރޮމޯޝަނުގެ މުއްދަތުގައި ޖުމްލަ 10،000 ރުފިޔާގެ ވިޔަފާރިކުރާ ފަރާތްތައް ކަމަށް ބިއެމްއެލް އިން ފާހަގަކޮށްފައިވެއެވެ.

ބީއެމްއެލް އިން ބުނީ ޕްރޮމޯޝަނުގައި ހިމެނޭ ފިހާރަތަކުގެ ލިސްޓް އަދި އިތުރު މައުލޫމާތު https://www.bankofmaldives.com.mv/ran-furusathu-2026 އިން ލިބޭނެކަމަށެވެ.