ސަރުކާރުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ނުފޫޒު ފޯރުވާކަމަށް އިދިކޮޅު އެމްޑީޕީއިން ތުހުމަތު ކުރަމުންދަނިކޮށް ބ. ތުޅާދޫ ފްލެޓަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.

ތުޅާދޫގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓަށް ހިޔާވަހި ޕޯޓަލް މެދުވެރިކޮށް ކުރިމަތިލުމަށް މިއަދު ހުޅުވާލާފައިވާއިރު ފްލެޓަށް ކުރިމަތިލުމުގެ އުސޫލުވެސް ގެޒެޓުކޮށްފައިވެ އެވެ.

އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލެވިފައިވާނީ 11 ޖަނަވަރީ 2026، ވަނަ ދުވަހުގެ 12:00 އިން ފެށިގެން 11 އެޕްރީލް 2026 ވަނަ ދުވަހުގެ 23:59 އާ ހަމައަށެވެ.

ތުޅާދޫގައި އިމާރާތްކޮށްފައިވާ 100 ހައުސިންގ ޔުނިޓު ދޫކުރުމަށް ރަށު ކައުންސިލުގެ އެއްވެސް ދައުރެއް ނޯންނަ ގޮތަށް ހައުސިންގ މިނިސްޓްރީން އުސޫލެއް އާއްމުކޮށް، އަންނަ އޭޕްރިލް މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ހައުސިންގ ޔުނިޓުތަކަށް އެދި ހުށަހެޅުމަށް ހުޅުވާލުމަކީ ލޯކަލް ކައުންސިލު އިންތިޚާބަށް ނުފޫޒުފޯރުވުމަށް ސަރުކާރުން ކުރާ ކަމެއްކަމަށް އިދިކޮޅު މައި ޕާޓީ އެމްޑީޕީން މީގެ ކުރިން ބުނެފައިވެ އެވެ.

އެމްޑީޕީން ނެރުނު ނޫސްބަޔާނުގައި ބުނީ ޤާނޫނުއަސާސީގެ 230 ވަނަ މާއްދާގައި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިންގާންވާނީ ލާމަރުކަޒީ އުސޫލުން ކަމަށް ބަޔާންކޮށްފައިވާކަމަށެވެ. އަދި، އެމް.ޑީ.ޕީގެ ފުރަތަމަ ސަރުކާރުގައި، އެކަމަށް ހާއްސަކޮށް އެކުލަވައިލެވުނު ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުންހިންގުމުގެ ޤާނޫނަށް އަމަލުކުރަން ފަށައި، ލޯކަލް ކައުންސިލްތައް ގާއިމުކުރުމަށްފަހު، ރައްޔިތުންގެ ބައިވެރިވުމާއެކު ރަށްރަށުގައި ހިދުމަތްތައް ދިނުމަށް ބޭނުންވާނެ ބާރުތަކާއި ވަސީލަތްތައް ކައުންސިލްތަކަށް ދިނުމަށް ޓަކައި މުހިންމު އިސްލާހުތައް ގާނޫނަށް ގެނެސްފައިވާކަމަށެވެ.

އެހެން ނަމަވެސް، މި ސަރުކާރުގެ ދައުރު ފެށުމާއެކު، އަނެއްކާވެސް މި ވަނީ ލާމަރުކަޒީ ނިޒާމުގެ ބާރު ކަނޑުވައިލައި، އިދާރީ ހިންގުމުގެ ބާރުތައް ވުޒާރާތަކަށް ޖަމާކުރަން ފަށާފައިކަމަށެވެ.

މިގޮތުން، އެމް.ޑީ.ޕީ ސަރުކާރުން ތުޅާދޫގައި ބިނާކޮށް ނިންމައިފައިވާ 100 ހައުސިންގ ޔުނިޓު، އޭގެ ހައްގުވެރިންނަށް ދިނުމުގެ މަސައްކަތްތައް ރަށު ކައުންސިލުން ކުރަމުން ދަނިކޮށް، ކޯޓު އަމުރެއްގެ ދަށުން މި މަސައްކަތްތައް ހުއްޓުވައިފައިވާ ދަނޑިވަޅެއްގައި، މި ހައުސިންގ ޔުނިޓުތައް ހަވާލުކުރުމުގެ އިދާރީ މަސައްކަތްތައް ސަރުކާރުން ވަނީ ކޯޓު އަމުރާ ޚިލާފަށް ކުއްލިއަކަށް ހައުސިންގ މިނިސްޓްރީގެ ދަށަށް ނަގާފައިކަމަށް އެމްޑީޕީން ބުނެއެވެ.