ފޭސްބުކް ޕޯސްޓެއްގައި އައްޑޫ ސިޓީ މޭޔަރު އަލީ ނިޒާރާއި ހޯމް މިނިސްޓަރު އަލީ އިހުސާނާ ދެ ބޭފުޅުން ބަހުގެ ހަމަލާތަކެއް އަމާޒުކުރައްވައިފި އެވެ.

އައްޑޫ ސިޓީ ފޭދޫ މަގޫދޫ ދާއިރާގެ ޕީއެންސީ ކެމްޕެއިން އޮފީސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު އިހުސާން ވަނީ ފާއިތުވި 2 އަހަރު އައްޑޫ ސިޓީގައި އިދިކޮޅު ކައުންސިލެއް އޮތުމުން ކޮށްފައިވަނީ އުނދަގޫކަމަށް ވިދާޅުވެފަ އެވެ.

މަރަދޫގައި ޕޮލިސް ސްޓޭޝަނަށް އެޅުމަށް މަސައްކަތް ކުރަމުން އަންނަތާ ދެ މަސް ވެގެންދިޔައިރު ވެސް ކައުންސިލުން ބިން ހަމަޖައްސާދީފައި ނުވާ ކަމަށެވެ. ސަރުކާރަށް ދުއްތުރާ ކުރާ ކައުންސިލެއް ހޮވިއްޖެނަމަ ހާލަތު އޮންނާނެ ގޮތް ހއ. ތުރާކުނުން ފެށިގެން އައްޑޫ ފޭދޫއާ ހަމައަށް ފެންނަން އެބައޮތް ކަމަށް އިހުސާން ވިދާޅުވި އެވެ.

އިހުސާންގެ މި ވާހަކަތަކަށް ލިޔެފައިވާ ހަބަރެއް ހިއްސާކުރައްވާ މޭޔަރު ނިޒާރު ވަނީ އިހުސާނަށް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން މިދިޔަ ނޮވެމްބަރު މަހު ރައީސް ޑރ. މުހައްމަދު މުއިއްޒް އައްޑޫ އަށް ވަޑައިގެން ސަރުކާރުގެ އިސްބޭފުޅުންނާއެކު 14 ތަނެއްގައި ބިންގާ އަޅައި ޑްރާމާ ކުޅުއްވީ ކައުންސިލް އިން ބިން ނުލިބެނީސްތޯ ސުވާލު ކުރެއްވި އެވެ.

މީގެ އިތުރުން އަދިވެސް މަސައްކަތް ކުރައްވަނީ ރިޔާސީ އިންތިހާބު ތެރޭ ގޭތެރޭ ސްކްރީން ބަހައްޓަވައިގެން ޕޮލިސް އެކަޑަމީ ތެރެއިން އިންޑިޔާ ސިފައިންނާއި ބަޑި ދެއްކިހެން ރައްޔިތުން ގުނބޯ ހައްދަވަންތޯ ސުވާލު ކުރެއްވި އެވެ.

މޭޔަރު ނިޒާރުގެ ޕޯސްޓަށް ރައްދު ދެއްވައި ކޮމެންޓު ކުރައްވަމުން އިހުސާން ވިދާޅުވީ 14 ތަނެއްގެ ބިންގާ އެޅި ދުވަހު އެބޭފުޅާ އައްޑުއަށް ވަޑައިނުގަންނަވާ ކަމަށެވެ. އަދި ރައްޔިތުންނަށް ހިދުމަތް ކުރުމަށް ބިނާ ކުރާ ތަންތަނުގެ ބިންގާ އެޅުމަކީ ޑްރާމާ ކުޅުއްވުންތޯ އެއްސެވި އެވެ. މަރަދޫގައި ޕޮލިސް ސްޓޭޝަން އެޅުއްވުމަށް ބިމެއް ކަނޑައަޅައި ރަޖިސްޓްރީ ހަވާލުކުރެއްވިންތޯ ވެސް މިނިސްޓަރު އެއްސެވި އެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިނަށް މިސަރުކާރުން އަދި ރައީސް މުއިއްޒު ވެސް އެންމެ ބޮޑަށް ދައްކަވާ ވާހަކައަކީ އިދިކޮޅު މެމްބަރުން ހޮއްވަވައިފިނަމަ ތަރައްގީއަށް ހުރަސް އެޅޭނެ ވާހަކައެވެ. އަދި ތަރައްގީގެ މަޝްރޫއުތަކަށް ކައުންސިލުން ބިން ނުދޭ ވާހަކަ ރައީސް ދައްކަވަ އެވެ. އެކަމަށް ބައެއް ކައުންސިލް މެމްބަރުންގެ ފާޑުކިޔުން ރައީސަށް އަމާޒުވެފައިވެ އެވެ.