އޮޕަރޭޝަން އަލިމަގުގެ ދަށުން މިއަދު ކުރަމުންދާ މަސައްކަތިން މިހާތަނަށް 4 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ މާލެ އާއި ގއ. އަތޮޅަށް އަމާޒުކޮށްގެން މިއަދު ކުރިއަށްގެންދާ އޮޕަރޭޝަންގައި މިހާތަނަށް ޖުމުލަ 10 ތަނެއް ބަލައިފާސްކޮށް، 4 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ ތަންތަނާއި މީހުންގެ މައުލޫމާތު މިހާތަނަށް ހިއްސާކޮށްފައެއް ނުވެ އެވެ. އަލިމަގު އޮޕަރޭޝަންގެ ދަށުން ހައްޔަރުު ކުރާ މީހުންގެ މައުލޫމާތު ފުލުހުން ހިއްސާކޮށްފައިވަނީ މީގެ ކުރިންވެސް ހައްޔަރުކުރާތާ ދުވަސްތަކެއް ފަހުންނެވެ.

އަލިމަގު އޮޕަރޭޝަނުން މީގެ ކުރިންވެސް 100އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށް 23 މިލިއަން ރުފިޔާއަށް ވުރެ ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެެންފައިވެ އެވެ.

މިއަދު ކުރިއަށް ގެންދާ އޮޕަރޭޝަނުގެ ބަޔަކީ ގއ. އަތޮޅުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް، މަނީ ލޯންޑަރިން ގެ އަމަލުތައް ހިންގާ ކަމަށް ތުހުމަތު ކުރެވޭ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ އޮޕަރޭޝަނެއް ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ހަމަ މިއާއެކު މި އޮޕަރޭޝަނުގެ ތެރެއިން، ތުހުމަތު ކުރެވޭ ފަރާތްތަކާ ގުޅުންހުރި ތަންތަން ބަލައި ފާސްކުރުމާއި، ގާނޫނު ތަންފީޒުކުރުމުގެ ގޮތުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތަށް އެޅުމުގެ އަމަލީ މަސައްކަތް ކުރިއަށް ދާނެކަމަށް ފުލުހުން ބުނެއެވެ.

އެގޮތުން މި އޮޕަރޭޝަން ކުރިއަށް ގެންދަނީ ސައުތު ޕޮލިސްގެ ހާއްސަ ޓީމުތަކާއި އިންޓެލިޖެންސް އާއި ޑްރަގް އެންފޯސްމެންޓް އާއި ގުޅިގެން ކަމަށް ފުލުހުން ފާހަގަކޮށްފައިވެއެވެ.

"އޮޕަރޭޝަން އަލިމަގު" ގެ ނަމުގައި މަސްތުވާތަކެއްޗާ ދެކޮޅަށް ކުރިއަށްގެންދާ މި ހާއްސަ އޮޕަރޭޝަނަކީ، އިންޓެލިޖެންސް މައުލޫމާތަށް ބިނާކޮށް މުޅި ރާއްޖެ ހިމެނޭގޮތަށް ފަށާފައިވާ އޮޕަރޭޝަނެކެވެ.