ތ. ވިލުފުށީގެ ހައުސިން ޔުނިޓަށް އެދި ހުށަހެޅުމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ހުޅުވާލައިފި އެވެ.
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އާންމުކޮށްފައިވާ އިއުލާނެއްގައި ބުނީ ވިލުފުށީގައި ސަރުކާރުން އިމާރާތްކޮށްފައިވާ 100ހައުސިންގ ޔުނިޓަށް ޝަރުތު ފުރިހަމަވާ މީހުންނަށް، އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައިވާކަމަށެވެ.
ސަރުކާރުގެ ބޯހިޔާވަހިކަން އެންމެންނަށް ސިޔާސަތުގެ ދަށުން ވިލުފުށީގައި ސަރުކާރުން އިމާރާތްކޮށްފައިވާ 100 ހައުސިންގ ޔުނިޓު ދޫކުރުމަށް ހަމަޖެހިފައިވާ ގޮތުގެ އުސޫލު ދިވެހި ސަރުކާރުގެ ގެޒެޓްގައި ވަނީ ޝާއިއުކޮށްފަ އެވެ.
ހައުސިން ޔުނިޓަށް އެދި އެޕްލިކޭޝަން ހުށަހަޅާނީ މިނިސްޓްރީގެ ހިޔާވަހި ޕޯޓަލް މެދުވެރިކޮށް ކަމަށް އިއުލާނުގައި ބުނެފައިވެއެވެ. އަދި އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލެވިފައިވާނީ 11 ޖަނަވަރީ 2026، ވަނަ ދުވަހުގެ 12:00 އިން ފެށިގެން 11 އެޕްރީލް 2026 ވަނަ ދުވަހުގެ 23:59 އާ ހަމައަށް ކަން ފާހަގަކުރެވެއެވެ.
މިކަމާ ގުޅޭ އިތުރު މައުލޫމާތު ހޯއްދެއްވުމަށް މިނިސްޓްރީގެ 4004900 ނަންބަރު ފޯނަށް ގުޅުމަށާއި އީމެއިލް މެދުވެރިކޮށް މަޢުލޫމާތު ހޯއްދެވުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން މިނިސްޓްރީގެ socialhousingprograms@infrastructure.gov.mv އަށް އީމެއިލް ކުރެއްވުމަށް އެދިފައިވެ އެވެ.
ތ އަތޮޅު ވިލުފުށީގައި ހަދާފައިވާ 100 ހައުސިން ޔުނިޓަށް ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދިނުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ 2025 ވަނަ އަހަރުގެ ޖުލައި މަހުގެ ތިން ވަނަ ދުވަހު އެވެ.