‎ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ބާއްވާނެ ތާރީހަކަށް 5 ފެބުރުވަރީ 2026 ވާ ބުރާސްފަތި ދުވަސް ހަމަޖައްސައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ޖަލްސާ ބާއްވާނެ ތާރީހު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ކަނޑައަޅުއްވާފައިވާ ކަމަށެވެ.

ޖަލްސާ އޮންނާނީ އެ ދުވަހުގެ ހެނދުނު 9:00 ގައި ރައްޔިތުންގެ މަޖިލިސްކުރާ ގޭގައި ކަމަށް ވެސް ބުނެފައިވެ އެވެ.

2025 ވަނަ އަހަރުގެ މަޖިލީހުގެ ޖަލްސާތައް ނިންމައި މަޖިލިސް ޗުއްޓީއަށް ދިޔައީ ޑިސެމްބަރު 3 ވަނަ ދުވަހު އެވެ. އޭގެ ފަހުން މި މަހުގެ ތެރޭގައި ދައުރުން ބޭރުން ދެ ޖަލްސާއެއް ބާއްވާފައިވެ އެވެ.

ދައުރުން ބޭރުން ބޭއްވި ޖަލްސާތަކުގައި މުހިންމު އިސްލާހުތަކެއް ހުށަހެޅި އެވެ. އޭގެ ތެރޭގައި ރިޔާސީ އިންތިހާބާއި ކައުންސިލް އިންތިހާބު އެއްކޮށްލުމަށް ހުށަހެޅި އިސްލާހު، ބޮޑު ބައްޔަކަށް ފަރުވާކުރުމަށް ޕެންޝަން ފައިސާ ނެގޭ އިސްލާހު އަދި ޖުވާކުޅުމަށް އަދަބު ދިނުމަށް ހުށަހެޅި އިސްލާހު ހިމެނެ އެވެ.

މަޖިލީހުގެ ޗުއްޓި ދުވަސްވަރު މަދު މެމްބަރުން ކޮޅަކާއެކީ ކުރިން އެންގުމެއްނެތި ޖަލްސާތައް ކުރިއަށް ގެންދާތީ އެމްޑީޕީ މެމްބަރުން ވަނީ ދައުރުން ބޭރުން ބޭއްވި މަޖިލީހުގެ ޖަލްސާތައް ބޯއިކޮޓް ކޮށްފަ އެވެ.

މަޖިލީހުގެ އެންމެ ފަހު ދައުރުގައި 28 ޖަލްސާ އެއް ކުރިއަށް ގެންގޮސްފައިވާ ކަމަށާއި މަޖިލީހުގެ ތަޅުމުގައި 64 ގަޑިއިރު މަސައްކަތް ކުރައްވާފައިވާ ކަމަށް ވިދާޅުވި އެވެ. އަދި 142 ކޮމިޓީ ބައްދަލުވުމެއްގައި 120 ގަޑިއިރު މެމްބަރުން މަސައްކަތް ކުރައްވާފައިވެ އެވެ.

މަޖިލީހުގެ އެންމެ ފަހު ދައުރުގައި މަޖިލީހުގެ ތަޅުމުން 15 ބިލެއް ފާސްކޮށްފައިވެ އެވެ. މީގެ ތެރޭގައި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ ގާނޫނަށް ގެނައި އިސްލާހު، މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނަށް ގެނައި އިސްލާހު، ޓެރޭޑްމާކުގެ ބިލު، ފަނޑިޔާރުންގެ ގާނޫނަށް ގެނައި އިސްލާހު، ޖަނަވާރު ގެންގުޅުމާއި ޖަނަވާރު ރައްކާތެރިކުރުމުގެ ބިލު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީއަށް ގެނައި އިސްލާހު، އިދާރީ ދާއިރާތައް ލާމަރުކަޒީތައް އުސޫލުން ހިންގުމުގެ ގާނޫނަށް ގެނައި އިސްލާހު، ދައުލަތުގެ ފިސްކަލް ޒިންމާގެ ގާނޫނަށް ގެނެވުނު އިސްލާހު، ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭން ޖެހޭ އިނާޔަތާއި ރައްކާތެރިކަމުގެ ގާނޫނަށް ގެނައި އިސްލާހު އަދި ޒަކާތުގެ ބިލު ހިމެނެ އެވެ.