ލިޔެކިޔުން ހަމަވާނަމަ އެހީ ހަމަޖެހޭނެކަމަށް ބުނެ އާންމުންގެ ކިބައިން އެހީއަށް އެދިފައިވާ ބެލެނިވެރިއަކަށް އާސަންދައިން ރައްދު ދީފި އެވެ.

މިދިޔަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހު ހުޅުމާލެ ފޭސް 2ގައި ހިނގައިދިޔަ ނުރައްކާތެރި އެކްސިޑެންޓެއްގައި ލޮލަށް ލިބުނު އަނިޔާއަށް ފަރުވާ ހޯދުމަށް ކުއްޖާގެ ބައްޕަ އާންމުންގެ އެހީއަށް އެދިފައިވަނީ އިއްުޔެގެ ވަގުތެއްގަ އެވެ.

އެކްސިޑެންޓުގައި އަނިޔާވި 18 އަހަރުގެ ފިރިހެން ދަރިފުޅު، މޫސާ މުޒްދާން ޝަރީފްގެ ވައަތު ލޮލަށް ވަރަށް ބޮޑު ގެއްލުމެއް ލިބިފައިވާކަމަށް އޭނާގެ ބައްޕަ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައިވެ އެވެ. ވައަތު ލޮލުގައި ގޮލޯބް ރަޕްޗާއެއް ވެފައިވާތީ އެ ލޮލަށް ނުފެންނަކަމަށާއި މިހާރު ވެސް ރާއްޖެއިން ދެ އޮޕަރޭޝަން ކޮށްފައިވާ ކަމަށް ކުއްޖާގެ ބައްޕަ ލިޔެފައިވެ އެވެ.

އެއް އޮޕަރޭޝަން ކޮށްފައިވަނީ ހުޅުމާލެ ހޮސްޕިޓަލުން ކަމަށާއި އަނެއް އޮޕަރޭޝަން ކޮށްފައިވަނީ އައި ކެއާ އިން ކަމަށް ބުނެފައިވެ އެވެ.

އާންމުންގެ އެހީއަށް އެދުނީ ކުއްޖާގެ ލޮލުގެ ފެނުން އަނބުރާ ހޯދުމަށް އިންޑިޔާގެ ޗައިތަންޔާ ހޮސްޕިޓަލުން ފަރުވާ ހޯދުމަށް ކަމަށާއި އާސަންދަ އަދި އެންސްޕާއަށް އެހީއަށް އެދުމުން އެހީ ލިބިފައިނުވާ ކަމަށް ކުއްޖާގެ ބައްޕަ ލިޔެފައިވެ އެވެ.

އެކަމާ ގުޅިގެން އާސަންދައިން ކޮށްފައިވާ ޕޯސްޓެއްގައި ބުނީ އާސަންދަ ސްކީމްގެ ދަށުން ރާއްޖެއިން ބޭރަށް ފަރުވާ ހޯދުމަށް ޑޮކްޓަރ ރެފަރެލްއާއި ފުރިހަމަ ލިޔުންތަކާއެކު ހުށައަޅައިފިނަމަ ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން ފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމަށް އާސަންދައިގެ ދަށުން އެހީތެރިކަން ލިބޭނެ ކަމަށެވެ.

އެހެންނަމަވެސް އާސަންދަ ހަމަޖައްސައި ދީފައި ނުވަނީ އެއީ ރާއްޖެއިން ކުރެވޭ އޮޕަރޭޝަނަކަށް ވުމުންކަމަށް ބެލެވެ އެވެ. މިއީ ރާއްޖެއިން ކުރެވޭ އޮޕަރޭޝަނަކަށް ވި ނަމަވެސް އަނިޔާވި ކުއްޖާގެ އާއިލާއިން ބޭނުންވަނީ ލޮލުގެ ފެނުން އިއާދަކުރުމަށް އޮތް ހަނި ފުރުސަތުގައި ދެވެން އޮތް އެންމެ ރަނގަޅު ފަރުވާ ދިނުމަށް ބޭރަށް ދިޔުމަށެވެ.

ނޮވެމްބަރު މަހުގެ ދިހަ ވަނަ ދުވަހުގެ ރޭ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި މުޒްދާންއާއެކު ސައިކަލު ދުއްވަން އިން މީހާ ވަނީ ނިޔާވެފަ އެވެ.