އަމާޒަކީ އިންތިހާބާއި ވޯޓާއި ގުޅޭ ހޭލުންތެރިކަން އިތުރުކުރުން ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ޑިރެކްޓަރ އޮފް ޕްރިވެންޝަން، އެޑިއުކޭޝަން އެންޑް އެޑްވޮކަސީ އަލީ ޝަމީމް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ އާއި ވާހަކަ ދައްކަވަމުން ޝަމީމް ވިދާޅުވީ ކޮންމެ އިންތިހާބަކާ ގުޅިގެންވެސް ސްޓްރެޓެޖިކް ޕްލޭންއެއް ހަދައައި އެ ޕްލޭން އަކާއި އެއްގޮތަށް މަސައްކަތްތަށް ކުރިއަށް ގެންދާކަމަށެވެ.
މީގެ އިތުރުން ކޮންމެ އިންތިހާބެއްގައިވެސް އެކި ކަންކަން ތަފާތުކަން ފާހަގަކުރައްވާ ޝަމީމް ވިދާޅުވީ ޕްލޭންގައި އިންތިހާބުގެ ގަވައިދުތަށް އެކުލަވާލައިފައިވާނެކަމަށެވެ. އެގޮތުން ކެންޑިޑޭޓުންނަށް ވެވޭނެ ވައުދުތަކުގެ އިތުރުން، ވޯޓުލާ ފަރާތްތަކަށް ރަނގަޅު ކެނޑިޑޭޓެއް ހޮވާނެ ގޮތުގެ އިރުޝާދުދެވިފައިވާނެކަމަށް ޝަމީމް މައުލޫމާތުދެއްވިއެވެ.
މީގެ އިތުރުން އިލެކްޝަން ކޮމިޝަން (އީސީ) އާއި ގުޅިގެން ހޭލުންތެރިކަމުގެ ޕްރޮގުރާމެއް ކުރިއަށް ގެންގޮސްފައިވާކަން ފާހަގަކުރައްވާ ޝަމީމް ވިދާޅުވީ އެ ޕްރޮގުރާމުގެ ދަށުން 12 އަތޮޅެއްގައި ހޭލުންތެރި ކުރުވުމުގެ ޕްރޮގުރާމުތަށް ކުރިއަށް ގެންގޮސްފައިވާނެ ކަމަށެވެ.
ހަމަ މިއާއެކު މި އިންތިހާބަށް ރަށް ރަށުގައި މައުލޫމާތުތަށް ބަދަލު ކުރެވިފައިވާ ކަމަށް ޝަމިމް ފާހަގަކުރެއްވިއެވެ. އަދި އަމާޒަކީ ސޯޝަލް މީޑިއާގެ ވަސީލަތްތަށް ބޭނުންކޮށްގެން އިންތިހާބާ ގުޅޭ ހޭލުންތެރިކަން އިތުރުކުރުން ކަމަށާއި އެ މަސައްކަތް ކުރިއަށް އޮތްތާގައި ކުރުމަށް ހަމަޖެހިފައިވާކަމަށް ޝަމީމް ވިދާޅުވިއެވެ.
މި ފަހަކަށް އައިސް އިންތިހާބުތަކުގައި ވޯޓުލުމަށް ނުކުންނަ މީހުންގެ އަދަދު މަދުވަމުންދާކަން ފާހަގަކުރެވިފައިވެ އެވެ. މި ފަހުން ބޭއްވި އިންތިހާބުތަކަށް ބަލާއިރު އެކަށީގެންވާ އަދަދަކަށް ވޯޓު ލާން މީހުން ނުކުންނަނީ ހަމައެކަނި ރިޔާސީ އިންތިހާބަށެވެ.
އެހެންކަމުން ވޯޓު ލާ މީހުންގެ އަދަދު އިތުރުކުރުމަށާއި ރަނގަޅު ކެންޑިޑޭޓެއް ހޮވުމަށް އާންމުންނަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކެއް އަންނަނީ ކުރިއަށް ގެންދަމުންނެވެ.