އެކަނިވެރި މައިންނަށް ދޭ އެލަވަންސްގެ ސަބަބުން މުޖުތަމައުގެ ފަގީރުކަން 70 ޕަސެންޓަށް ދަށްކުރެވޭ ކަމަށް މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ޑރ އާއިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.
ތަރުޖަމާނާއެކު ޕޮޑްކާސްޓްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އުންމީދަކީ އެކަނިވެރި މައިންނަށް ދޭ އެލަވަންސް ޕްރޮގްރާމްގެ ތެރެއިން މިފަދަ އާއިލާތަކަށް ހަމަޖެހުން ލިބިގެން ދިޔުން ކަމަށެެވެ.
މިއަދު އެކަނިވެރި މައިންނާއި އެ މީހުންގެ ދަރިންނަށް ދެވޭ އެހީގެ ސަބަބުން މާދަން އެ ދަރިން ބޮޑެތިވާއިރު ފަގީރު ހާލަތުގައި ބޮޑެތިވާ ބަޔަކަށް ނުވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެހިސާބުން އެމީހުންގެ ނިކަމެތިކަން ކެނޑިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މިފަދަ ޕްރޮގްރާމްތަކުގެ މުހިންމުކަމާއި އެ ޕްރޮގްރާމްތައް އޮންނަނީ ކީއްވެގެން ކަން މުޖުތަމައަށް އަންގައިދޭން އަދިވެސް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. މިނިސްޓަރު މިފަދައިން ވިދާޅުވީ އެކަނިވެރި މައިންގެ އެލަވަންސްގެ ސަބަބަބުން މުޖުތަމައުގައި ވަރި ގިނަވާކަމާއި މުޖުތަމައުގައި ބަފައިން އިތުރަށް ޒިންމާދާރު ކުރުވުން މާ މުހިންމުކަމަށް އާންމުން ދެކޭ ކަމަށް މިނިސްޓަރާއެކު ޕޮޑްކާސްޓްގައި ބައިވެރިވި ތަރުޖަމާނު ހީނާ ފާހަގަކުރެއްވުމުންނެވެ.
މިނިސްޓަރު ވިދާޅުވީ މިފަދަ އެލަވަންސްއެއްގެ ސަބަބުން ކުރާ ފައިދާ މިއަދު ނުފެނުނު ކަމުގައި ވިޔަސް އޭގެ ފައިދާތައް މީގެ ތިން އަހަރު ފަހުން ފެންނާނެ ކަމަށެވެ. އަދި މިކަން ބައިނަލްއަގްވާމީ ދިރާސާތަކުންވެސް ހާމަވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިފަދަ އެލަވަންސްއެއްގެ އެންމެ މުހިންމު ބޭނުމަކީ ދަތި ހާލަތެއްގައި އުޅެމުންދާ ބަޔަކަށް ވަގުތީގޮތުން ނަމަވެސް ލުއިފަސޭހަކަން ހޯދައިދިނުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.