ގއ. އަތޮޅަށް އަމާޒުކޮށްގެން "އޮޕަރޭޝަން އަލިމަގު" ގެ ދަށުން ހާއްސަ މަސައްކަތެއް މިއަދު ފަށާފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފިއެވެ.

ފުލުހުން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނީ "އޮޕަރޭޝަން އަލިމަގު" ގެ ދަށުން ހާއްސަ މަސައްކަތެއް މިއަދު ހެނދުނުން ފެށިގެން ގއ. އަތޮޅާއި މާލެ ސަލަހައްދުގައި ހިންގަމުން ދާ ކަމަށެވެ.

މި މަސައްކަތަކީ ގއ. އަތޮޅުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް، މަނީ ލޯންޑަރިން ގެ އަމަލުތައް ހިންގާ ކަމަށް ތުހުމަތު ކުރެވޭ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ އޮޕަރޭޝަނެއް ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ހަމަ މިއާއެކު މި އޮޕަރޭޝަނުގެ ތެރެއިން، ތުހުމަތު ކުރެވޭ ފަރާތްތަކާ ގުޅުންހުރި ތަންތަން ބަލައި ފާސްކުރުމާއި، ގާނޫނު ތަންފީޒުކުރުމުގެ ގޮތުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތަށް އެޅުމުގެ އަމަލީ މަސައްކަތް ކުރިއަށް ދާނެކަމަށް ފުލުހުން ބުނެއެވެ.

އެގޮތުން މި އޮޕަރޭޝަން ކުރިއަށް ގެންދަނީ ސައުތު ޕޮލިސްގެ ހާއްސަ ޓީމުތަކާއި އިންޓެލިޖެންސް އާއި ޑްރަގް އެންފޯސްމެންޓް އާއި ގުޅިގެން ކަމަށް ފުލުހުން ފާހަގަކޮށްފައިވެއެވެ.

"އޮޕަރޭޝަން އަލިމަގު" ގެ ނަމުގައި މަސްތުވާތަކެއްޗާ ދެކޮޅަށް ކުރިއަށްގެންދާ މި ހާއްސަ އޮޕަރޭޝަނަކީ، އިންޓެލިޖެންސް މައުލޫމާތަށް ބިނާކޮށް މުޅި ރާއްޖެ ހިމެނޭގޮތަށް ފަށާފައިވާ އޮޕަރޭޝަނެކެވެ.

މިއާއެކު އަލިމަގު އޮޕަރޭޝަން ފުލުހުން ފަށާފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހު ގައި ކަން ފާހަގަކުރެވެއެވެ. އަދި މިހާތަނަށް 100 އަށްވުރެ ގިނަ މީހުން ހައްޔަރު ކޮށްފައިވާއިރު، ގިނަ އަދަދެއްގެ މަސްތުވާތަކެތި ވެސް މި އޮޕަރޭޝަނުގައި ހޯދައިފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ. އެގޮތުން ނޮވެމްބަރު މަހު އެކަނިވެސް 23 މިލިއަނަށް ވުރެ ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފައިވެ އެވެ.

ހޯމް މިނިސްޓަރ އަލީ އިހުސާން މީގެ ކުރިން ވިދާޅުވީ، ދިވެހިރާއްޖެ މަސްތުވާތަކެތިން ސަލާމަތްކުރުމަށް ހިންގަމުންދާ މި ޚާއްސަ އޮޕަރޭޝަނުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކަށް ވަކިން ޓާގެޓް ކުރެވިގެންދާނެ ކަމަށެވެ.

އޮޕަރޭޝަންގެ ތެރެއިން މަސްތުވާތަކެއްޗާއި އެ ތަކެތީގެ ވިޔަފާރިކުރުމަށް ބޭނުންކުރާ ތަފާތު އެކި ސާމާނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުން އައި ތަންތަންވެސް ބަންދުކުރި ކަމަށެވެ.

މީގެއިތުރުން މިނިސްޓަރު ވިދާޅުވީ، ދެން އޮތީ މަސްތުވާތަކެތި ރާއްޖެ އެތެރެކޮށް މި ވިޔަފާރި ފުޅާދާއިރާއެއްގައި ހިންގާ ބޮޑެތި ވިޔަފާރިވެރިންނާ ހަމައަށް ދިޔުން ކަމަށާއި އެފަދަ މީހުން ރައްޔިތުންނަށް ދީފައި ހުރި ބޮޑެތި ގެއްލުންތަކަށް ގާނޫނު އަރާ ހަމަކުރާނެ ކަމަށެވެ.

މި އޮޕަރޭޝަނަކީ މިހާތަނަށް ދިވެހިރާއްޖޭގައި ޑްރަގާއި ދެކޮޅަށް ހިންގޭ އެންމެ ބޮޑު އޮޕަރޭޝަންކަމަށާއި މިއީ ވަރަށް ކޯޑިނޭޓެޑްކޮށްގެން މުޅި ރާއްޖޭގައި ހިނގާ އޮޕަރޭޝަނެއް ކަމަށް ފުލުހުން ބުނެއެވެ. މި އޮޕަރޭޝަނަކީ އަތޮޅުތެރޭގައި ހިންގާ ތަހުގީގުތަކާއި ގުޅިގެން ޑްރަގް އެންފޯރސްމެންޓާއި ކައުންޓަރ އިންޓެލިޖެންސްއާއެކު ހިންގާ އޮޕަރޭޝަނެއް ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.